ކުންފުނީގެ ހަރަދުތައް ކުޑަކުރުމަށްޓަކައި މިފްކޯގެ ރަސްމީ މަސައްކަތު ގަޑި މާދަމާއިން ފެށިގެން ކުރުކުރުމަށް އެ ކުންފުނިން ނިންމައިފިއެވެ.
މި ނިންމުމަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ކުންފުނީގެ ހަރަދުތައް ކުޑަކުރުމަށް މެނޭޖްމަންޓުން އަޅަން ފެށި ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެކެވެ.
މިފްކޯގެ ސީނިއާ މެނޭޖާ ޕަބްލިކް ރިލޭޝަންސް، ޝިފްޒާ މުސްތަފާ ވިދާޅުވީ، ކުންފުނީގެ ހަރަދުތައް ކުޑަކުރުމަށްޓަކައި ރަސްމީ މަސައްކަތު ގަޑި ކުރުކުރުމުގެ އިތުރުން އެހެން ބައެއް ފިޔަވަޅުތައް ވެސް އަޅަން ނިންމާފައިވާ ކަމަށެވެ. މިހާރު މިފްކޯގެ ރަސްމީ ގަޑިއަކީ ހެނދުނު 8 އިން ހަވީރު 4 އަށް ނަމަވެސް، މާދަމާއިން ފެށިގެން އެ ވަގުތު ހެނދުނު 8 އިން މެންދުރު 2 އަށް ބަދަލުވާނެއެވެ.
ޝިފްޒާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އިދާރީ މުވައްޒަފުންގެ ރަސްމީ ވަގުތު ކުރުކޮށްލިޔަސް، ކުންފުނީގެ އޮޕަރޭޝަންތަކަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. އަދި މިފްކޯގެ ފިހާރަތަކުން ކުރިއެކޭ އެއްގޮތަށް ހިދުމަތް ލިބޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
ކުންފުނިން މުވައްޒަފުންނަށް ފޮނުވި ސާކިއުލާގައި ބުނެފައިވަނީ، މެންދުރު 2 ގެ ފަހުން އިދާރީ އޮފީސްތައް ހުޅުވޭނީ އެ ޑިޕާޓްމަންޓެއްގެ އެޗްއޯޑީ ނުވަތަ ސީއީއޯގެ ބިއުރޯއިން ބޭނުންވެގެން ކަމަށެވެ. އަދި ބަންދު ވަގުތުތަކުގައި ކޮންމެހެން މަސައްކަތަށް ނެރެން ޖެހޭނީ އެޗްއޯޑީގެ ހުއްދަ ދުވަހުން ދުވަހަށް ލިޔުމުން ލިބިގެން ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
ހަރަދު ކުޑަކުރުމުގެ އިތުރު ފިޔަވަޅުތަކުގެ ތެރޭގައި ތެލަށް ހިނގާ ހަރަދު ކުޑަކުރުމަށްޓަކައި މަސައްކަތު މާހައުލާއި، އެކޮމޮޑޭޝަން އަދި އާންމު ތަންތަނުގައި އެއާ ކޮންޑިޝަނާއި ކަރަންޓު ސާމާނު ބޭނުންކުރުން މަދުކުރުމަށް މުވައްޒަފުންނަށް ވަނީ އިރުޝާދު ދީފައެވެ.
މީގެ އިތުރުން، ގޭގައި މަސައްކަތްކުރެވޭނެ ވަސީލަތް ހުރި މުވައްޒަފުން އޮފީސް ގަޑީގެ އިތުރަށް ގޭގައި މަސައްކަތްކުރުމަށާއި، ހެޑް އޮފީހުގެ ހުއްދަ ލިބިގެން މެނުވީ ދަތުރުތައް ނުކުރުމަށް ވެސް ވަނީ ނިންމާފައެވެ.



