އެމެރިކާ އާއި އިސްރާއިލުން ދިން ހަމަލާތަކެއްގައި އީރާނުގެ އަސްކަރިއްޔާގެ އިސް ކޮމާންޑަރަކު އަވަހަރާކޮށްލާފައިވާ ކަމަށް އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.
މި ހަމަލާގައި އަވަހާރަކޮށްލާފައި ވަނީ ޝާހިން ޝަހްރުގައި ހުންނަ އެއާ ޑިފެންސް ކޮލެޖްގެ ވެރިޔާ ބްރިގޭޑިއާ ޖެނެރަލް މަސްއޫދު ޒަރޭ ކަމަށް އީރާނުގެ ނޫސް އޭޖެންސީތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.
މީގެ ކުރިން ވެސް އެމެރިކާ އާއި އިސްރާއިލުން ދީފައިވާ އެކި ހަމަލާތަކުގައި އީރާނުގެ އަސްކަރިއްޔާގެ އިސް ބޭފުޅުންތަކެއް ވަނީ އަވަހާރަކޮށްލައިފައެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއިލުން އީރާނާ ދެކޮޅަށް ހިންގި ވަރުގަދަ އޮޕަރޭޝަނެއްގައި މިހާތަނަށް 1،340 އަށް ވުރެ ގިނަ މީހުން މަރާލާފައިވެއެވެ. އީރާނުގެ އިސްވެރިންތަކެއް އަވަހާރަކޮށްލުމާ ގުޅިގެން އެ ގައުމުން ވަނީ ބަދަލުހިފުމުގެ ގޮތުން އިސްރާއިލް، އުރުދުން، އިރާގު އަދި ގަލްފުގެ ގައުމުތަކަށް އަމާޒުކޮށް ޑްރޯން އަދި މިސައިލް ހަމަލާތަކެއް ދީފައެވެ.
މީގެ އިތުރުން، އީރާނުން ވަނީ ސްޓްރެޓީޖިކް ގޮތުން މުހިންމު ސަރަހައްދެއް ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅި ހުރަސްކޮށް އުޅަނދުތައް ދަތުރުކުރުން ވެސް މަނާކޮށްފައެވެ.




