ގައުމުގެ މިނިވަންކަން ދެމެހެއްޓޭނީ ކާބަފައިންގެ އާސާރީ ތަރިކަތައް ރައްކާތެރިކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ބައިނަލްއަޤުވާމީ ދާރުލްއާސާރު ދުވަހުގެ މުނާސަބަތާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވެފައިވަނީ، ދިވެހިވަންތަކަން ހިމާޔަތްކޮށް، ގައުމުގެ މިނިވަންކަން ދެމެހެއްޓޭނީ ކާބަފައިންގެ އާސާރީ ތަރިކަތައް ރައްކާތެރިކޮށްގެން ކަމަށާއި، އެކަން ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
އާސާރީ ތަރިކަ ރައްކާތެރިކުރުމަކީ މުހިއްމުކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއިރު، ރާއްޖޭގެ ތަރިކަ ރައްކާތެރިކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި، ރައީސް ޑރ.މުއިއްޒު ވަނީ ދިވެހިބަހާއި ޘަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ނަމުގައި ހާއްސަ ވުޒާރާއެއްވެސް އުފައްދަވާފައެވެ. އެ ވުޒާރާއިން ދިވެހި މާއްދީ ތަރިކައިގެ ތެރޭގައި ހިމެނޭ ހިރިގަލުގެ މިސްކިތްތައް އިސެސްކޯގެ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.



