ދުނިޔޭގެ އެންމެ މަޤުބޫލު ފަތުރުވެރި މަންޒިލުގެ ގޮތުގައި ރާއްޖެއަށް އޮތް މަޤާމު އިތުރަށް ހަރުދަނާ ކުރުމަށްޓަކައި، ”ވިޒިޓް މޯލްޑިވްސް“ އާއި ”އިންޓަނޭޝަނަލް ހަލާލް ޓޫރިޒަމް އޮގަނައިޒޭޝަން“ (އައިއެޗްޓީއޯ) ގުޅިގެން ރޫޓްސް އޭޝިއާ 2026 ފޯރަމްގައި ބައިވެރިވުމަށް ތައްޔާރުވެއްޖެއެވެ.
މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 14 އިން 16 އަށް، ޗައިނާގެ ޒިއާންގައެވެ.
ރޫޓްސް އޭޝިއާއަކީ އޭޝިއާ-ޕެސިފިކް ސަރަޙައްދުގައި ވައިގެ ދަތުރުފަތުރުގެ ދާއިރާ ކުރިއެރުވުމަށް ބާއްވާ އެންމެ ބޮޑު ފޯރަމެވެ. މި ފޯރަމުގައި އެއާލައިންތަކާއި، އެއާޕޯޓުތަކާއި، ފަތުރުވެރިކަމާ ބެހޭ އިދާރާތަކުގެ އިތުރުން ދާއިރާގެ އިސްބޭފުޅުން ބައިވެރިވެ، ވައިގެ ދަތުރުފަތުރުގެ މުސްތަޤުބަލާ ގުޅޭގޮތުން މަޝްވަރާ ކުރާނެއެވެ.
މި ފޯރަމުގައި ރާއްޖެއިން ބައިވެރިވުމުގެ މައިގަނޑު މަޤުސަދަކީ ބައިނަލްއަޤުވާމީ ވައިގެ ދަތުރުފަތުރުގެ ގުޅުންތައް ވަރުގަދަކޮށް، އަލަށް ކުރިއަރަމުން އަންނަ މާކެޓުތަކަށް ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުން ކަމަށް ވިޒިޓް މޯލްޑިވްސްއިން ވިދާޅުވެއެވެ.
މި މަސައްކަތަކީ އައިއެޗްޓީއޯއިން އިސްނަގައިގެން، ދިވެހިރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީއާއި، ޗައިނާގެ ބެއިޖިންގގައި ހުންނަ ދިވެހި އެމްބަސީގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ ހަރަކާތެކެވެ.
މި ބައްދަލުވުމުގައި ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ގޮތް ނިންމުމުގެ ބާރު ލިބިފައިވާ 900 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމުގައި މުހިންމު ދައުރެއް އަދާކުރާ އައިލެންޑް އޭވިއޭޝަން ސާވިސަސްގެ ”މޯލްޑިވިއަން އެއާޕޯޓްސް“ އިންވެސް މި ހަރަކާތުގައި އިސް ދައުރެއް އަދާކުރާނެއެވެ.
ޤައުމީ އެއާލައިން މޯލްޑިވިއަން ހިންގާ ކުންފުނި މިކަމުގައި ބައިވެރިވުމަކީ، ވައިގެ ދަތުރުފަތުރުގެ އުމްރާނީ ތަރައްޤީއަށް ރާއްޖެއިން ދޭ އަހައްމިއްޔަތު ހާމަކޮށްދޭ ކަމެއް ކަމަށް ވިޒިޓް މޯލްޑިވްސްއިން ފާހަގަކުރެއެވެ.




