ރާއްޖެއަށް ދިމާވެފައިވާ ބޭސް ނުލިބުމުގެ މައްސަލަ ހައްލުކޮށް ބޭހާ ގުޅޭ ކަންކަން ހަރުދަނާކުރުމަށް އިލެކްޓްރޯނިކް ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ދައުލަތުގެ ބޭސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހް މާހިރު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޝާހު ވިދާޅުވީ ބޭސް ނުލިބުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބެން ޖެހޭ ކަމަށާއި، އެގޮތުން ރާއްޖެއިން ލިބެންހުރި ބޭހުގެ މައުލޫމާތުތައް އެނގޭނެ ޑިޖިޓަލް ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ބޭހުގެ މައުލޫމާތުތައް އެނގޭނެ ސިސްޓަމެއް ގާއިމުވެފައި އޮތުމަކީ ކޮންމެހެން މުހިންމު ކަމެއްކަން ފާހަގަކުރައްވައި ޝާހު ވިދާޅުވީ އެފަދަ ސިސްޓަމެއް ގާއިމުކުރުމުން ބޭސް ހޯދުމުގައި މިހާރަށް ވުރެ ފަސޭހަވެގެންދާނެ ކަމަށެވެ.
”އެ ސިސްޓަމް އައީމަ އަޅުގަނޑުމެނަށް އިނގޭނެ ރާއްޖޭގައި ހުރީ ކޮން ބޭހެއްތޯ. ކޮން ކުއަންޓިޓީއެއްގައިތޯ ހުރީ. ކޮން ފާމަސީއެއްގައިތޯ ހުރީ،“ޑރ. ޝާހް ވިދާޅުވިއެވެ.
ޑޮކްޓަރީ ބޭހާއި މެޑިކަލް ކޮންޒިއުމަބަލްސް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށް އުފެއްދި ސަރުކާރުގެ ބޭސް ކުންފުނި، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑުން ބޭސް ހޯދުމަށް ގުޅާނޭ ހޮޓްލައިން 1505 އަދި ސްޓޭޓްފާމާ ޕޯޓަލް މިހާރު ވަނީ ތައާރަފު ކޮށްފައެވެ. އެ ކުންފުނިން ބުނީ މި ހޮޓްލައިން މެދުވެރިކޮށް ހަފްތާއަކު ހަތް ދުވަހު 24 ގަޑިއިރު ހިދުމަތް ލިބޭނެ ކަމަށެވެ.
ރައްޔިތުންނަށް ފަސޭހައިން ބޭސް ލިބުމުގެ އިންތިޒާމުތައް ފަސޭހަކޮށްދިނުމަށްޓަކައި މި ކުންފުނި އުފައްދާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ. ކުންފުނި އުފެއްދުމުގެ މައިގަނޑު މަގްސަދަކީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްގެ އިތުރުން މެޑިކަލް އިކުއިޕްމަންޓްތައް ގަނޑުކޮށް ގަނެ، ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކުރުމެވެ.
މީގެ އިތުރުން، މިތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކުރުމަކީ ވެސް މި ކުންފުނީގެ މުހިންމު މަސައްކަތެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.



