ކަނޑު މަގުން ރާއްޖެ އެތެރެކުރި ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖް ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން މިއަދު ބުނީ ކަނޑުމަގުން މާލެ ކޮމާޝަލް ހާބަރު މެދުވެރިކޮށް އެތެރެކުރި ތަކެތީގެ ތެރޭގައި ޖުމްލަ 1،940 ވޭޕް ކާޓްރިޖް ހިމެނޭ ކަމަށެވެ.
ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި ގެންގުޅުން އަދި ވިއްކުމާއި ހިލޭ ބެހުން މަނާކޮށް، ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް އިސްލާޙު ގެނެސް، 2024 ގެ ޑިސެންބަރު މަހުން ފެށިގެން އަންނަނީ އަމަލު ކުރަމުންނެވެ.
އަދި މިތަކެތި ރާއްޖެ އެތެރެކޮށް ބޭނުންކުރާ ފަރާތްތަކާއި ވިއްކާ ފަރާތްތަކާ މެދު މި ގާނޫނުގެ ދަށުން އަންނަނީ ފިޔަވަޅު އަޅަމުންނެވެ.
ވޭޕްގެ ބާވަތްތަކާއި އެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައި ހުންނަ އާލާތެއް ރާއްޖެއަށް އެތެރެކޮށްފި ނަމަ 50،000ރ. އިން ޖޫރިމަނާ ކުރާނެއެވެ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕަކަށް 10،000ރ. ގެ މަގުން ޖޫރިމަނާކުރުމަށް ގާނޫނުގައި ކަނޑައަޅާފައިވެ އެވެ.
ގާނޫނަށް ގެނައި އިސްލާހާ އެކު ވޭޕްކުރުމަށް ބޭނުންކުރާ އެއްވެސް އާލާތެއް ކުޑަކުއްޖަކަށް ވިއްކައިފި ނަމަ ނުވަތަ ހިލޭ ދީފި ނަމަ އެފަދަ އާލާތްތައް ވިއްކުމާއި ހިލޭ ބެހުމުގެ ގާނޫނުގެ ދަށުން 50،000ރ. ރުފިޔާގެ ޖޫރިމަނާއެއް އަންނާނެއެވެ.




