އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ އަށް ނެރުނު އޮރެންޖް އެލާޓްގެ ވަގުތު ދަންމާލައިފި އެވެ.
މޫސުމާއިބެހޭ ގައުމީ އިދާރާއިން އައްޑޫ ސިޓީއާ ފުވައްމުލައް ސިޓީ އަށް އޮރެންޖް އެލާޓް ނެރުނީ 15:00 އިން ރޭގަނޑު 07:00 ޖެހުމާއި ހަމަޔަށެވެ. އެލާޓުގެ ގަޑިހަމަވުމުން، މިހާރު ވަނީ އެލާޓްގެ ވަގުތު މިރޭ 11 އާއި ހަމައަށް އިތުރުކޮށްފަ އެވެ.
މިދެސިޓީއަށް އެލާޓްގެ ވަގުތު ދަންމާލާފައިވަނީ ގަޑިއަކު 34 މޭލާއި، 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްނެވެ. އަދި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.
އެހެން އަތޮޅުތަކަށް ބަލާއިރު ބ އަތޮޅުން ފެށިގެން ގދ އާ ހަމަޔަށް އަދިވެސް އޮތީ ޔެލޯ އެލާޓްގަ އެވެ. އަދި ހއ އިން ފެށިގެން ރ އަތޮޅާއި ހަމަޔަށް އޮތީ ވައިޓް އެލާޓްގަ އެވެ.
މިދުވަސްވަރު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރުމާއިއެކު ގުގުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެފައި ވެއެވެ. އަދި، ކަނޑުތައް އާއްމުގޮތެއްގައި ގަދަވާނެ ކަމަށާއި، ރާޅުތަކުގެ އުސްމިން 9-5 ފޫޓާއި ދެމެދަށް ހުންނާނެ ކަމަށް އެއިދާރާއިން ލަފާ ކޮށްފައި ވެއެވެ.
މޫސުން ގޯސްވެ، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ހިސާބުތަކަށް އުދައިގެ އަސަރު ކުރުމުގެ ފުރުސަތު އޮތުމާއި އެކު، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކުރެއެވެ.



