މިފްކޯއިން އުފައްދާ ތެޔޮ މަސްދަޅުގެ އަގު މިއަދު ބޮޑުކުރުމަށްފަހު، އަލުން ކުރީގެ އަގަށް ބަދަލުކުރުމަށް އެ ކުންފުނިން ނިންމައިފިއެވެ.
މި ނިންމުމާއެކު މިރެއިން ފެށިގެން ތެޔޮ މަސްދަޅެއް ވަކިން ވިއްކާނީ 17.50 ރުފިޔާއަށެވެ. އަދި މަސްދަޅު ކޭހެއްގެ އަގަކީ 760 ރުފިޔާއެވެ.
މިފްކޯގެ ސީނިއާ މެނޭޖާ ޕީއާރް ޝިފްޒާ މުސްތަފާ ވިދާޅުވީ، އަގަށް ގެނައި ބަދަލު އަނބުރާ ގެންދަން ނިންމީ ރައްޔިތުން ފާޅުކުރި ހިޔާލުތަކަށާއި ދިރިއުޅުމުގެ ހަރަދުތަކަށް ރިއާޔަތްކުރުމަށްފަހު ކަމަށެވެ. މިއަދު ކުރިން ނިންމާފައި އޮތީ ތެޔޮ މަސްދަޅެއް 18.50 ރުފިޔާއަށް އަދި ކޭހެއް 800 ރުފިޔާއަށް ބޮޑުކުރުމަށެވެ.
މިފްކޯއިން ބުނިގޮތުގައި މަސްދަޅުގެ އަގު ބޮޑުކުރަން ފުރަތަމަ ނިންމީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، އުފެއްދުންތެރިކަމުގެ ހަރަދު ބޮޑުވުމުންނެވެ.
”މާޗް މަހުގެ ކުރިން 11.57ރ. އަށް ލީޓަރެއް ލިބެމުން ދިޔަ ތެޔޮ މިހާރު މިފްކޯއަށް ލިބެނީ 14.32ރ. އަށް އަގުބޮޑުކޮށް،“ އެ ކުންފުނިން ބުނެފައިވެއެވެ.
ދުނިޔޭގެ އިގްތިސާދަށް އަންނަ ހީނަރުކަމާއެކު ގޮންޖެހުންތައް ކުރިމަތިވި ނަމަވެސް، ކުންފުނިން މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް ކުރާ އަސަރު ކުޑަވާނެ ގޮތަކަށް ފިޔަވަޅުތައް އެޅުމަށް ކަމަށް މިފްކޯއިން ބުނެއެވެ.
ކުންފުނީގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން މިފްކޯއިން ވަނީ އިއްޔެއިން ފެށިގެން އޮފީސް ގަޑިތަކަށްވެސް ބަދަލު ގެނެސްފައެވެ. ކުރިން ހެނދުނު 8 އިން ހަވީރު 4 އަށް މަސައްކަތް ކުރި ނަމަވެސް، މިހާރު ރަސްމީ ގަޑިއަކީ ހެނދުނު 8 އިން މެންދުރު 2 އަށެވެ.




