ސަޢޫދީ ޢަރަބިއްޔާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ކަދުރުގެ ތެރެއިން އައްޑޫ ސިޓީ ހިތަދޫއަށް ލިބުނު ކަދުރު، މާދަމާ ބަހަން ފަށާނެކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
ސިޓީ ކައުންސިލުން މިއަދު ބުނީ 1445 ވަނަ އަހަރު ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ކޮންމެ މީހަކަށް 02 ކިލޯ ކަދުރު ބަހާނެކަމަށެވެ. އަދި އެމީހުންނަށް ބެހުމަށް ފަހު ބާކީ ކަދުރު، މީހުން ދިރިއުޅޭ ގޭބިސީތަކަށް، ކޮންމެ ގޭބިސީއަކަށް 1 ކިލޯ ކަދުރުގެ މަގުން ބަހަންވެސް ކައުންސިލުން ވަނީ ނިންމާފަ އެވެ.
ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ގޭބިސީތަކަށް މާދަމައިން ފެށިގެން ބުރާސްފަތިދުވަހުގެ ނިޔަލަށް ރަސްމީ ދުވަސްތަކުގެ 09:00 އިން 14:00އަށް ކަދުރު ދޫކުރާއިރު، ހިތަދޫގައި މީހުން ދިރިއުޅޭ ގޭބިސީތަކަށް ކަދުރު ދޫކުރާނީ 26 މެއި އިން ފެށިގެން ރަސްމީ ދުވަސްތަކުގެ 09:00 އިން 14:00 އަށް ކަމަށް ސިޓީ ކައުންސިލުން ބުނެފައި ވެއެވެ. އަދި ގޭބިސީތަކަށް ކަދުރު ދޫކުރާނީ ކަދުރު ބަލާދާ ތަރުތީބުންކަމަށްވެސް ކައުންސިލުން ބުނެފައި ވެއެވެެ.
ކަދުރު ހޯދަން ބޭނުންވާ މީހުން ހިތަދޫ އަވަށު އޮފީހަށް، ކަދުރު ބެހުމަށް ކަނޑައަޅާފައިވާ ގަޑިތަކުގައި އައިޑީ ކާޑު ހިފައިގެން ދިއުމުން ކަދުރު ހަވާލުކުރާނެކަމަށްވެސް ސިޓީކައުންސިލުން ބުނެފައި ވެއެވެ.
މިއަހަރުގެ ރޯދައަށް ސައުދީ ސަރުކާރުން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފައިވެއެވެ. އަދި، އެގައުމުގެ އިސްލާމިކް މިނިސްޓްރީންވެސް ރާއްޖެއަށް 5 ޓަނުގެ ކަދުރު ހަދިޔާކޮށްފައި ވެއެވެ.



