ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް މިހާރު އަޅަމުންދާ ކަމަށާއި، އޭގެ ތެރެއިން ބައެއް ކަންކަން ފިނޭންސް މިނިސްޓްރީން މިހާރު އިއުލާންކޮށްފައިވާ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ބޭއްވި ވަޒީރުންގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، އިގްތިސާދަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށްޓަކައި ޚަރަދު ކުޑަކުރުމުގެ ގޮތުން އިސްކަންދޭނެ ކަންތައްތަކެއް ކަނޑައަޅާފައިވާ ކަމަށެވެ. އަދި މިހާރު ކުރަމުންދާ ޚަރަދުތައް ރިވިއުކޮށް، އިތުރަށް ޚަރަދު ކުޑަކުރެވޭނެ ގޮތްތައް ބަލަމުންދާ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތީގެ ސަޕްލައި މެދުނުކެނޑި ފޯރުކޮށްދިނުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ތެލާއި ބޭސް ފަދަ ތަކެތި މެދުކަނޑުމެއް ނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ގިނަ ގައުމުތަކަކާއެކު ރަސްމީ މުއާމަލާތްތައް ކުރެވެމުންދާ ކަމަށެވެ.
”މިކަމުގެ ތެރެއިން ރަނގަޅު ކުރިއެރުންތަކެއް ވެސް ލިބެމުންދާކަން އަޅުގަނޑު ފާހަގަކުރަން،“މިނިސްޓަރު ވިދާޅުވިއެވެ.
ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން، ރާއްޖެއަށް ބޭނުންވާ ތެލާއި އަސާސީ ބޭނުންތަކަށް ބޭނުންވާ ތަކެތި އެއްވެސް ދަތިކަމެއް ނެތި މިހާތަނަށް ބާޒާރުން ލިބެން ހުރިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންނަށް ބޭނުންވާ މިފަދަ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް ސަރުކާރުން އަޅަމުންދާނެ ކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ.
ޚަރަދު ކުޑަކުރުމުގެ އިތުރު މަރުހަލާތަކާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، އެކަންކަމާ ގުޅޭ މަޝްވަރާތައް ކުރިއަށްދާ ވަރަކުން އިތުރު ތަފްސީލުތައް ހާމަކުރަމުންދާނެ ކަމަށެވެ.
މި ފިޔަވަޅުތަކަކީ ގައުމުގެ އިގްތިސާދީ ހަމަޖެހުން ގާއިމުކުރުމަށްޓަކައި ސަރުކާރުން އިސްކަންދީގެން ކުރަމުންދާ މަސައްކަތްތަކެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.


