އެމްޑީޕީގެ ލީގަލް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަޙްމަދު މަޢުރޫފް މިއަދު އެ މަގާމުން ވަކިކޮށްފިއެވެ.
އެމްޑީޕީން މަޢުރޫފަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އޭނާ މަގާމުން ވަކިކޮށްފައިވާ ކަމަށާއި، އެ މަގާމުގައި ހުރެ ޕާޓީއަށް ކޮށްދެއްވި މަސައްކަތްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ.
މަޢުރޫފް މަގާމުން ވަކިކުރި ސަބަބެއް އެމްޑީޕީން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، މަޢުރޫފް މަގާމުން ވަކިކޮށްފައިވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލަށް ތާއީދުކުރައްވައި، އެ ބޭފުޅުންނާއެކު މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތުގައި ކަމަށް މަޢުލޫމާތު ލިބެއެވެ.
މައުރޫފް މަގާމުން ވަކިކޮށްފައިމިވަނީ، އެމްޑީޕީގެ ތެރޭގައި އަނެއްކާވެސް ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.
ވަކިން ޚާއްޞަކޮށް، އިންތިޚާބުތަކުގެ ކާމިޔާބީ ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ރައީސް ނަޝީދަށް ވާހަކަދެއްކެވުމުގެ ފުރުސަތު ނުދޭން ނިންމުމާ ގުޅިގެން ޕާޓީގެ ތެރޭގައި ވަނީ ނުތަނަވަސްކަން އުފެދިފައެވެ.




