މި އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އެއްލައްކައަށްވުރެ މައްޗަށް އަރައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އިއްޔެގެ ނިޔަލަށް އެ ގައުމުން 100,185 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
މިއީ މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ 15 އިންސައްތައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 684,908 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
ޗައިނާއަކީ މިދިޔަ އަހަރުވެސް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ގައުމެވެ. އެ ގައުމުން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނައިރު، ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަނުންވެސް އަންނަނީ ޗައިނާގެ އެކި މަންޒިލްތަކަށް ޝެޑިއުލް ދަތުރުތައް ބާއްވަމުންނެވެ.
ލިސްޓުގެ ދެވަނައިގައި މިހާރު އޮތީ ރަޝިއާއެވެ. އެ ގައުމުން 84,739 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން 65,105 ފަތުރުވެރިން ވަނީ އައިސްފައެވެ. ގަދަ ދިހައެއްގައި ހިމެނޭ އެހެން ގައުމުތަކުގެ ތެރޭގައި އިޓަލީ، ޖަރުމަން، އިންޑިއާ، ފްރާންސް، އެމެރިކާ، ސްވިޓްޒަލޭންޑް އަދި އޮސްޓްރިއާ ހިމެނެއެވެ.
ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމޭއިރު 2.3 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމެވެ.




