ޗެނަލް 13 އިން ފަތުރަމުން ދަނީ ކަނޑައެޅިގެން ދޮގެއް ކަމަށާއި، އެމްއެމްޕީއާރުސީ ގެ ލީޑާޝިޕާއިއެކު އޮތީ ބަދަހި ގުޅުމެއް ކަމަށް ޓުއަރިޒަމް މިނިސްޓަރު ފައިސަލް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރުސީއިން ބައިވެރިވާ ބޭރުގެ ހަރަކާތްތަކުގައި އެ ކުންފުނީގެ ޗެއާޕާސަން ނޫރައިން ޖަނާހް ބައިވެރި ނުކުރުމަށް ޓުއަރިޒަމް މިނިސްޓަރު ފައިސަލް އަންގަވާފައިވާ ކަމަށް ބުނެ ޗެނަލް 13 އިން ލިޔެފައިވާ އާޓިކަލް އަކަށް ރައްދުދެއްވަމުން ފައިސަލް ވިދާޅުވީ ބޮޑެތި ދޮގުތައް ފަތުރަމުންދަނީ އެ މަނިކުފާނާއި ޒާތިވެ، ބުލީކޮށްގެން ފަހަތަށް ނުޖެއްސުމުން ކަމަށެވެ.
އަދި ޓުއަރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީގެ ލީޑާޝިޕްގައި ތިބި ފަރާތްތަކާއި ދެމެދު އޮތީ ވަރަށް އެކުވެރި ބަދަހި ގުޅުމެއް ކަމަށް ފައިސަލް ވިދާޅުވިއެވެ.
”އަޅުގަނޑުމެން އެންމެން އަތުގުޅާލައިގެން މިތިބީ ރައީސް މުއިއްޒުގެ ތަސައްވަރުގައިވާ އިންޤިލާބީ ހެޔޮ ބަދަލުތައް މި ސިނާއަތަށް ގެނެސްދިނުމަށް“ ފޭސްބުކް ގައި މިއަދު ކުރެއްވި ޕޯސްޓުގައި ފައިސަލް ވިދާޅުވިއެވެ.
ފައިސަލް އިތުރަށް ވިދާޅުވީ މި މަހު ފަހުކޮޅު ޗައިނާގައި އޮތް އައިޓީބީ ފެއާގައި ބައިވެރިވާ ރާއްޖޭގެ ވަފުދުގައިވެސް އެމްއެމްޕީއާރުސީ ގެ ޗެއާޕާސަން ނޫރައިން ބައިވެރިވަޑައިގަންނަވާނެ ކަމަށެވެ. އެ މަނިކުފާނު ތުހުމަތު ކުރެއްވި ގޮތުގައި މިފަދަ ދޮގު މައުލޫމާތު ފަތުރަމުންދަނީ އިންތިޒާމުކޮށް ރާވައިގެން، ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ކަނބަލުންނަށް ޓާގެޓުކޮށްގެން އެ ކަނބަލުންގެ އަޒުމު ބަލިކަށި ކޮއްލުމަށެވެ. އަދި މިފަދަ ކަންކަން ކޮށްގެން އެ ކަނބަލުންގެ އަޒުމު ބަލިކަށި ކޮށް ނުލެވޭނަ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށްވެސް މިނިސްޓަރު ފައިސަލް ވިދާޅުވިއެވެ.




