މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދިވެހިރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވާ ހިރާސްތައް ކުޑަކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިންވެސް އަޅަން ފަށައިފިއެވެ.
މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން އެމްޕީއެލް އިންވަނީ ބައެއް ބަދަލުތައް ގެންނަން ފަށާފައެވެ.
އެ ބަދަލުތަކަކީ:
1. އެގޮތުން ޝިފްޓް އުސޫލުން މަސައްކަތްނުކުރާ އިދާރީ މުވައްޒަފުންގެ ރަސްމީ މަސައްކަތުގެ ގަޑި ކުރުކުރުން.
ޝިފްޓް އުސޫލުން މަސައްކަތް ނުކުރާ އިދާރީ މުވައްޒަފުންގެ ރަސްމީ މަސައްކަތުގެ ގަޑިއަކީ ހެނދުނު 7:30 އިން މެންދުރުފަހު 14:00 އަށް ބަދަލުކުރަން އެމްޕީއެލްއިން މިހާރުވަނީ ކަނޑައަޅާފައެވެ. ކުރިން އެ މުވައްޒަފުންގެ ރަސްމީ މަސައްކަތުގެ ގަޑިއަކީ ހެނދުނު 7:30 އިން 15:30 އަށެވެ.
2. އޮަޕަރޭޝަނަލް ޝިފްޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތުގެ ގަޑި ދުވާލަކު 8 ގަޑިއިރަށްވުރެ އިތުރުނުކުރުން.
3. ރާއްޖޭން ބޭރަށް ކޮންމެހެން ކުރަންޖެހޭ ރަސްމީ ދަތުރުތައް ފިޔަވައި އެހެން ދަތުުރުތައް ހުއްޓާލުން.
ރާއްޖޭން ބޭރަށް ކޮންމެހެން ކުރަންޖެހޭ ދަތުުރުތައް ފިޔަވައި އެހެން ހުރިހާ ދަތުރެއް ހުއްޓާލުމުގެ އިތުރުން، ބޭރުގެ ފަރާތްތަކުން ދަތުރުގެ ހުރިހާ ހަރަދެއް ބޭރުގެ ފަރާތްތަކުން ހަމަޖައްސާ ދަތުރުތަކުގައިވެސް، ކުންފުނިން ކުރާ ހަދަރުތައް ވީހާވެސް ކުޑަކުރުން އެމްޕީއެލްއިން ވަނީ ނިންމާފައެވެ. އަދި ރާއްޖޭން ބޭރުގައި ތިބި ކަސްޓަމަރުންނާއި ސްޕްލަޔަރަކުންނާ އޮންލައިންކޮށް ބައްދަލުވުންތައް ބޭއްވުމަށް ވެސް ވަނީ ހަމަޖައްސާފައެވެ.
4. ރާއްޖޭން ބޭރަށް މުވައްޒަފުން ފޮނުވައިގެން ކުރިއަށް ގެންދާ ޓްރެއިނިންތައް މި ވަގުތަށް ހުއްޓާލައި، މިފަދަ ޕްރޮގްރާމްތަކުގައި އޮންލައިންކޮށް ބައިވެރިވުން.
5. މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް 2026 ފަސްކުރުން.
މި މަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް ތާވަލްކުރެވިފައިވާ ”މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް 2026“ ފަސްކުރުމަށް އެމްޕީއެލްއިން ވަނީ ނިންމައިފައެވެ. މި ކޮންފަރެންސް މިހާރު ތާވަލްކޮށްފައިވަނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށެވެ.
6. ކަރަންޓުގެ ހަރަދު ކުޑަކުރުން
ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އެޅުމަށާއި، ކަރަންޓު އިސްރާފު ކުޑަކުރެވޭނެ އާދަތަކަށް މުވައްޒަފުންގެ އަހުލުވެރިކުރުމަށް ހަރަކާތްތަކެއް ހިންގުމަށް އެމްޕީއެލްއިން ނިންމާފައިވެއެވެ.
ހަރަދު ކުޑަކުރުމަށް އޮަޕަރޭޝަނަލް ޝިފްޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތުގެ ގަޑި ދުވާލަކު 8 ގަޑިއިރަށްވުރެ އިތުރުނުކުރުމަށް ނިންމި ނަމަވެސް، މާލޭ ވިޔަފާރި ބަނދަރުގެ މުދާ ބޭލުމާއި މުދާ ކްލިއަރކުރުމުގެ މަސައްކަތްތައް ހިނގާ ވަގުތުތަކަށް އެއްވެސް ބަދަލެއް ނުގެނެއެވެ. އަދި، މި ބަދަލާއެކުވެސް، މުދާ ބޭލުމާއި ކްލިއަރކުރުމުގެ ޚިދުމަތްތައް މިހާރެކޭ އެއް ގޮތަށް ކަސްޓަމަރުންނަށް ލިބޭނެކަމުގެ ޔަގީންކަން އެމްޕީއެލްއިން ވަނީ ދީފައެވެ.




