ރާއްޖެއިން ނެގި 500 މިލިއަން ޑޮލަރުގެ ސުކޫކް އެއްފަހަރާ އަނބުރާ ދެއްކުމާއެކު ދައުލަތުގެ މާލީ ހާލަތު ވަރުގަދަވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.
އެ މިނިސްޓްރީން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓުން ދައްކާގޮތުގައި، މިމަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު ވަނީ 12.4 ބިލިއަން ރުފިޔާއަށް އަރާފައެވެ.
މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 11.1 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 11.6 އިންސައްތައިގެ އިތުރުވުމެކެވެ.
މި މުއްދަތުގެ ތެރޭގައި ފާހަގަކޮށްލެވޭ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފިނޭންސް މިނިސްޓްރީން ފާހަގަކޮށްފައިވަނީ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކާއި، އޭގެ ކޫޕަން ޕޭމަންޓުގެ ގޮތުގައި ދައްކަންޖެހޭ 24.68 މިލިއަން އެމެރިކާ ޑޮލަރު ސަރުކާރުން ކާމިޔާބުކަމާއެކު ދައްކައި ހަލާސްކުރުމެވެ. މި ފައިސާ ދައްކާފައިވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑާއި، ބޭރު ފައިސާގެ ރިޒާވް ބޭނުންކޮށްގެންނެވެ.
ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ބެލެންސްއަށް ބަލާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ހުރި 1.8 ބިލިއަން ރުފިޔާގެ ސާޕްލަސްއާ އަޅާބަލާއިރު، މިއަހަރު ވަނީ 2.3 ބިލިއަން ރުފިޔާގެ ސާޕްލަސްއެއް ރެކޯޑުކުރެވިފައެވެ. މީގެ އިތުރުން، އިންޓްރެސްޓަށް ހޭދަވި މިންވަރު ވަނީ 1.51 ބިލިއަން ރުފިޔާއިން 1.08 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ. މިއީ 28.5 އިންސައްތައިގެ ދަށްވުމެކެވެ.
ދައުލަތުން ދަރަނި އަނބުރާ ދެއްކި މިންވަރު ވެސް ވަނީ ފާއިތުވި ހަފްތާގެ ނިޔަލަށް ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން ލޯނު އަނބުރާ ދެއްކި މިންވަރު 8.5 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ހުރި 2.4 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 254.5 އިންސައްތައިގެ އިތުރުވުމެކެވެ.
ދައުލަތުގެ އާމްދަނީގެ މައިގަނޑު އަސާސެއްގެ ގޮތުގައި ފާހަގަކުރެވޭ ޓެކްސް އާމްދަނީއަށް ވެސް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ.
ފާއިތުވި ހަފްތާގެ ނިޔަލަށް ޓެކްސްގެ ގޮތުގައި 10.0 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 8.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 20.2 އިންސައްތައިގެ އިތުރުވުމެއް ކަމަށް ފިނޭންސް މިނިސްޓްރީގެ ރިޕޯޓުން ދައްކައެވެ.




