ހަތަރު މީހުންނާއެކު ދަތުކުރަމުން ދަނިކޮށް ގެއްލުނު މުދާ އުފުލާ ދޯނި އަދިވެސް ނުފެންނަކަމަށް، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް(އެމްއެންޑީއެފް) އިން ބުނެފި އެވެ.
ޚަބަރެއް ނުވެގެން ހޯދަމުން ދަނީ “AAA-37” ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެކެވެ. އެ ދޯނިން ދަތުރުކުރީ ބަނގްލަދޭޝްގެ ތިން މީހުންނާއި ދިވެއްސަކާއެކު ޖުމްލަ 4 މީހުންނެވެ. އެ ދޯނީގެ ޚަބަރެއް ނުވެގެން ކޯސްޓްގާޑުން ހޯދަން ފެށީ ހުކުރު ދުވަހުގެ ވަގުތެއްގަ އެވެ.
ހުކުރު ދުވަހުގެ ހެނދުނު 06:00 ކ.ތިލަފުށިން މިދޯނި ދަތުރު ފެށީ މ.މެދުފުށި އައިލެންޑް ރިޒޯޓަށް ދިއުމަށެވެ. އެމްއެންޑީއެފް އިން ބުނީ، އެ ދޯނީގެ ޚަބަރެއް ނުވެގެން، އެކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ ހުކުރު ދުވަހުގެ 17:20 ހާއިރު ކަމަށެވެ.
އެ ދޯނި ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީ ހަރަކާތްތެރިވަމުން އަންނައިރު،އިއްޔެ މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކޮށްގެން ވައިގެ މަގުން އެދޯނިި ހޯދުމުގެ މަސައްކަތްކޮށްފައިވާކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
ދޯނި ހޯދުމަށް ކުރިޔަށްގެންދާ އޮޕަރޭޝަނުގައި އިއްޔެ ކަނޑާއި ވައިގެމަގުން، މީމު އަތޮޅު ރަތްމަންދޫގެ އިރުމަތީ ބިތުން ބޮޑު ސަރަހައްދެއް ބެލިއެވެ. އެގޮތުން ކަނޑާއި ވައިގެމަގުން 4519 ސްކެއަރ ނޯޓިކަލް މޭލު ސަރަހައްދެއް ބެލި ނަމަވެސް މިހާތަނަށް މި ދޯންޏާއި މީހުން ހޯދިފައެއް ނުވެއެވެ. އެމްއެންޑީއެފުން ބުނީ މިއަދުވެސް އެ ދޯނި ހޯދުމުގެ އޮޕަރޭޝަން ކުރިޔަށްދާ ކަމަށެވެ.
”ކ.ތިލަފުށިން ފުރިފަހުން ޚަބަރެއް ނުވެގެން ހޯދަމުންދާ ”AAA 37″ މުދާ އުފުލާ ދޯނި ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދާ އޮޕަރޭޝަން މިއަދު ވެސް ކަނޑާއި ވައިގެމަގުން ދަނީ ކުރިއަށް ގެންދަމުން.“ އެމްއެންޑީއެފްގެެ ތަރުޖަމާނު ވިދާޅުވި އެވެ.
މި ދޯންޏާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަމްބަރު 191 ގުޅައި މަޢުލޫމާތު ހިއްސާކުރުމަށް އެމްއެންޑީއެފް އިން ވަނީ އެދިފަ އެވެ.



