މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ދާއިމީ ނަތީޖާ މާދަމާ އިއުލާން ކުރުމަށް ހަމަޖެހިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.
މި އިންތިހާބުގައި ޖުމްލަ ތިން ވޯޓެއް ކުރިއަށް ގެންގޮސްފައިވެއެވެ.
އެއީ ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ބެލުމަށް ނެގި ވޯޓެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކުރެއްވި ގޮތުގައި މި އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 294,876 މީހުންގެ ތެރެއިން 73 އިންސައްތަ މީހުން ވަނީ ވޯޓުލާފައެވެ. މިހާރު މި ވޯޓުގެ ވަގުތީ ނަތީޖާތައް އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައި ވަނީ އާންމުކޮށްފައެވެ.
ކޮމިޝަނުން ވިދާޅުވީ މިހާތަނަށް އާންމު ނުކުރެވި ވަނީ ޝަކުވާ ހުށަހެޅިފައިވާ ފޮށިތަކުގެ ނަތީޖާ ކަމަށެވެ. އެ ފޮށިތައްވެސް އަލުން ގުނައި އޭގެ ދާއިމީ ނަތީޖާ ދާދި އަވަހަށް އާންމު ކުރެވޭނެ ކަމަށް އީސީން މައުލޫމާތު ދެއްވައެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މި އިންތިހާބުގައި ރަށު ކައުންސިލްތަކަށް 626 ކައުންސިލަރުން އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިހާބު ކުރުމަށް ވޯޓްލާފައިވެއެވެ.
މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި އިންތިހާބުވި ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 17 ވަނަ ދުވަހުއެވެ.




