ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ދ. މީދޫގެ ރައީސް ހޮވުމުގައި މައްސަލަ ޖެހުނު ވޯޓު ފޮށި އަލުން ގުނިއިރު، އެއް ވޯޓުގެ ތަފާތުން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްގެ (އެމްޑީއޭ) ކެންޑިޑޭޓު އިންތިޚާބު ކާމިޔާބުކޮށްފިއެވެ.
އިންތިޚާބާ ގުޅޭ ޝަކުވާތައް ބެލުމަށް ޚާއްސަކޮށްފައިވާ ބިއުރޯއިން މި ފޮށި އަލުން ގުނަން އެންގީ، ފޮށީގެ ނަތީޖާ އެއްވަރުވެފައިވާ ކަމަށް ބުނެ އެމްޑީއޭއިން ހުށަހެޅި މައްސަލަ ބެލުމަށްފަހުގައެވެ.
އެ ވޯޓު ފޮށި އަލުން ގުނުމަށްފަހު އިއުލާން ކުރި ނަތީޖާގައިވާ ގޮތުން، އެމްޑީއޭގެ ފަރާތުން ވާދަކުރެއްވި މުހައްމަދު ޝާހިދަށް ލިބުނީ 127 ވޯޓެވެ. އަދި ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމަށް 114 ވޯޓު ލިބުނުއިރު، އަމިއްލަ ގޮތުން ނުކުންނެވި އިބްރާހީމް ނަސީމަށް ލިބިވަޑައިގަތީ 36 ވޯޓެވެ. މީގެ އިތުރުން އެ ފޮށިން 17 ވޯޓެއް ވަނީ ބާތިލުވެފައެވެ.
އެއާއެކު ހުރިހާ ވޯޓު ފޮށްޓެއްގެ ނަތީޖާ އެއްކޮށްލުމުން، އެމްޑީއޭގެ ޝާހިދަށް ޖުމްލަ 392 ވޯޓު ލިބިފައިވެއެވެ. ޕީއެންސީ ޓިކެޓުގައި ވާދަކުރެއްވި ސުހާއަށް ލިބިފައިވަނީ 391 ވޯޓެވެ. އަދި އަމިއްލަ ގޮތުން ވާދަކުރި ކެނޑިޑޭޓަށް ޖުމްލަ ލިބިފައިވަނީ 100 ވޯޓެވެ.
މި ނަތީޖާއާއެކު ޝާހިދު ގޮނޑި ކާމިޔާބު ކުރެއްވީ އެންމެ ވޯޓެއްގެ ތަފާތުންނެވެ.




