ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއާއި އީރާނުން ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ބޭއްވި ބައްދަލުވުމުގައި، 21 ގަޑިއިރު މަޝްވަރާ ކުރުމަށްފަހުވެސް އެއްބަސްވުމަކަށް ނާދެވުމުން، އެމެރިކާއިން ދިޔަ ވަފުދު އެނބުރި ޤައުމަށް ހިނގައްޖެއެވެ.
އެ ވަފްދުގައި އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ވެސް ހިމެނިވަޑައިގަންނަވައެވެ.
ވެންސް ވިދާޅުވީ، އެއްބަސްވުމަށް ނާދެވުނު ނަމަވެސް އޭނާ އެނބުރި ގައުމަށް ވަޑައިގަންނަވަނީ އެންމެ ފަހުގެ ހުށަހެޅުން ހުށަަހެޅުމަށްފަހު ކަމަށާއި އެ ހުށަހެޅުމާމެދު ވިސްނުމަށް އީރާނަށް އަދިވެސް ވަގުތު އެބައޮތް ކަމަށެވެ.
”މިތަނުން ފުރަނީ ވަރަށް ސާދާ ހުށަހެޅުމަކާ އެކު، ވިސްނުމުގެ އުސޫލަކުން އެއީ އަޅުގަނޑުމެންގެ އެންމެ ފަހުގެ އަދި އެންމެ ރަނގަޅު ހުށަހެޅުން. އަޅުގަނޑުމެން ބަލާނަން އީރާނުން އެކަން ގަބޫލުކުރޭތޯ“ ވެންސް ވިދާޅުވިއެވެ.
ވެންސް ވިދާޅުވީ އީރާނުން އެމެރިކާގެ ޝަރުތުތައް ބަލައިނުގަތުމަށް ނިންމާފައިވާ ކަމަށާއި މަޝްވަރާތަކުން އަދި ހިތްހަމަޖެހޭ ނަތީޖާއެއް ނުލިބޭ ކަމަށެވެ. އަދި އީރާނުން ހުށަހެޅި ހުށަހެޅުންތަކަށް އެމެރިކާއަށް ވެސް އެއްބަސްވެވެން ނެތްކަމަށް ވެންސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މައިގަނޑު މައްސަލައަކަށް އަދިވެސް އޮތީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ކަމަށާއި އެމެރިކާއިން ހޯދަމުންދަނީ ދިގު މުއްދަތުގެ ގެރެންޓީއެއް ކަމަށެވެ.



