މި އަހަރުގެ ބައިނަލްއަގުވާމީ ދާރުލްއާސާރު ދުވަސް ފާހަގަ ކުރުމަށް ޤައުމީ ދާރުލްއާސާރުން ޚާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ.
”ޒަމާންތަކުގެތެރެއިން ގޮނޑި“ މި މައުޟޫޢުގެދަށުން،ޤައުމީ ދާރުލްއާސާރުން ވަނީ ދަރެހެއް ބާއްވާފަ އެވެ.
މި ދަރެހުގައި ވަނީ އިހުގައި ބޭނުން ކުރެވުނު ގޮނޑިތަކުގެ ތާރީޚާއި، ވައްޓަފާޅިއަށް ޢިލްމީ ނަޒަރަކުން އަލިއަޅުވާލައިފަ އެވެ. އަދި ދިވެހިރާއްޖޭގައި އިހުގައި ބޭނުންކޮށް އުޅުނު އާކިޓެކްޗަރއާއި ވަޑާމުގެ އުކުޅުތަކަށް ފަންނީ ގޮތުން އަލިއަޅުވާލާފައި ވެއެވެ. ޤައުމީ ދާރުލްއާސާރުގައި އިއްޔެ ބޭއްވި މިދަރެހަކީ، ޤައުމީ ދާރުލްއާސާރާއި، އާކިޓެކްޓް އެސޯސިއޭޝަން މޯލްޑިވަސް އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އިންޖިނިއަރިންގ އާއި ސައިންސް އެންޑް ޓެކްނޮލޮޖީގެ ދަރިވަރުންނާއި، އޮޑިމޯ، އެޓޯލްސްކޭޕް އަދި ޑޮސައިން ގުޅިގެން އިންތިޒާމުކުރި ދަރެހެކެވެ.
މިދަރެެހުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވި އެވެ. ވަޒީރުގެ ވާހަކަފުޅުގައި މި ސަރުކާރުގެ ސިޔާސަތުގެ ދަށުން, ކުރިއަށް އޮތް ތަނުގައި މި ދާއިރާއިން ކުރެވޭ މަސައްކަތްތަކާއި, ގެނެވޭ ބަދަލުތަކުގެ ނަތީޖާއަކަށް ވާނީ, ތަރިކަ އަކީ ދިވެހީން އެއާއެކީ ދިރިއުޅޭ އެއްޗަކަށްވެ, ދިވެހީންގެ ދިރިއުޅުމުގެ ބަޔަކަށް ތަރިކަ ވުން ކަމުގައި ވިދާޅުވި އެވެ.
މި ދަރެހުގެ އިތުރުން ބައިނަލްއަޤްވާމީ ދާރުލްއާސާރު ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޤައުމީ ދާރުލްއާސާރުން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަންތައްތަކުގެތެރެއިން، ދާރުލްއާސާރު ހުޅުވާފައި ހުންނަ ގަޑިތަކަށް ވަނީ ބަދަލު ގެނެސްފަ އެވެ. އެގޮތުން، މިއަދުން ފެށިގެން 23 އާ ހަމައަށް ކޮންމެ ދުވަހެއްގެ ހެނދުނު 10:15 އިން އިރުއޮއްސި 06:00 އަށް ދާރުލްއާސާރު ހުޅުވުމަށް ވަނީ ނިންމާފަ އެވެ. އަދި، މި މުއްދަތުގައި ޤައުމީ ދާރުލްއާސާރުގައި އިތުރު ”އިންޓަރެކްޓިވް“ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ރާވާފަ އެވެ.
މި އަހަރުގެ ބައިނަލްއަޤްވާމީ ދާރުލްއާސާރު ދުވަހުގެ ޝިޢާރެއްގެގޮތުގައި ކަނޑައަޅާފައިވަނީ ”ތަޢުލީމާއި ދިރާސާއަށްޓަކައި ދާރުލްއާސާރު“، މި ޝިޢާރެވެ. މި ޝިޢާރުގެ މަގުސަދަކީ ދާރުލްއާސާރުތަކުގެ ތެރެއިން އިލްމު އުނގެނެވޭނެ ގޮތްތައް ހޯދުމާއި އެކަމަށް ހިތްވަރު ދިނުމެވެ.



