ވޯކް ވިސާގެ ޚިދުމަތަށް ހެޔޮ ބަދަލެއް ގެނައުމަށް މޯލްޑިވްސް އިމިގްރޭޝަން އިން ކުރަމުންދާ މަސައްކަތުގެ ދަށުން، ”އޭންޓް ކިޔޫ“ މެދުވެރިކޮށް ވިސާގެ ޚިދުމަތް ހޯދުމަށް ޓޯކެން ދޫކުރަން ފަށައިފި އެވެ.
އިމިގްރޭޝަނުން މިކަމާއި ގުޅޭގޮތުން އާންމުކޮށްފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް، ސަރުކާރުގެ އިދާރާތަކުންދޭ ޚިދުމަތްތައް ވީހާވެސް އަވަހަށް ލުއިފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި، އިމިގްރޭޝަންގެ ޚިދުމަތް އެގޮތަށްް ބައްޓަންކޮށް މިއަދުން ފެށިގެން ވޯކް ވިސާ ޖެހުަމށްފަހު، ޕާސްޕޯޓާއި ހަވާލުވުމަށް އޮންލައިންކޮށް ”އޭންޓް ކިޔޫ“ މެދުވެރިކޮށް ނަމްބަރު ދޫކުރުމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްޢާން ވަހީދު ނިންމަވާފައިވާކަމަށެވެ.
އިމިގްރޭޝަަނުން ބުނީ، މީގެކުރިން ވޯކް ވިސާ ޖެހުމަށްފަހު ޕާސްޕޯޓާއި ހަވާލުވުމަށް އިމިގްރޭޝަނަށް ދާ ފަރާތްތަކުން ކަނޑައެޅިފައިވާ ގަޑިއަކަށް އިމިގްރޭޝަނަށް ހާޒިރުވެ، އެފަރާތެއްގެ ނަންބަރު ޖެހެންދެން އިމިގްރޭޝަންގައި މަޑުކުރަންޖެހޭ ކަމަށެވެ. އަދި މި ޚިދުމަތްތައް ހޯދުމަށް މަޑުކުރަންޖެހޭތީ އެފަދަ ފަރާތްތަކުން ޝަކުވާ ކުރަމުން އަންނަކަމަށާއި، މިއަދު މިފެށި ޚިދުމަތަކީ، އެކަމަށް ހައްލެއް ހޯދުމަށާއި ޒަމާނާއި އެއްގޮތަށް މި ޚިދުމަތް އޮންލައިންކޮށް ދިނުމަށް ފެށި ޚިދުމަތެއް ކަމަށެވެ.
”މިހާރު ކަނޑައެޅިފައިވާ ގަޑީގައި ”އޭންޓް ކިޔޫ“ މެދުވެރިކޮށް ކޮންމެތަނެއްގައި ހުރެގެންވެސް އޮންލައިންކޮށް ނަންބަރު ނަގާލެވޭނެ. އަދި ޚިދުމަތް ދެމުންދާ ތަރުތީބު ވަގުތުން ބަލާލެވޭނެ.މިއީ، ޚިދުމަތް ހޯދާ ފަރާތްތަތކުގެ ވަގުތު ސަލާމަތްވެޚިދުމަތް ހޯދުމުގައި އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެކަމެއް.“ އިމިގްރޭޝަން އިން ބުނެފައި ވެއެވެ.
އިމިގްރޭޝަންއިން މިއަދު ވަނީ ”އޭންޓް ކިޔޫ“ ބޭނުންކޮށްގެން ނަންބަރު ދޫކުރާނެ ގަޑިތަކާއި، އެނަންބަރުތަކަށް ޚިދުމަތްދޭނެ ގަޑިތައްވެސް އިއުލާނުކޮށްފަ އެވެ. އެގޮތުން، ފަހެއް ނުވަތަ އެއަށްވުރެ މަދު ޕާސްޕޯޓް ހޯދަން ނަންބަރު ދޫކުރަން ނިންމާފައިވަނީ ހެދުނު 9:00 އިން 10:30 އަށް، އަދި ނަންބަރަށް ޚިދުމަތް ދޭނީ ހެދުނު 10:00 އިން މެންދުރު 15:00 އަށެވެ. އަދި، 6 ނުވަތަ އެއަށްވުރެ ގިނަ ޕާސްޕޯޓް ހޯދަން ނަންބަރު ދޫކުރަން ނިންމާފައިވަނީ، ހެދުނު 11:30 އިން 12:30 އަށް، އަދި ނަންބަރަށް ޚިދުމަތް ދޭނީ މެންދުރު 13:15 އިން މެންދުރު 15:00 އަށް ކަމަށް އިމިގްރޭޝަނުން ބުނެފައި ވެއެވެ.
”އޭންޓް ކިޔޫ“ އިން ނަންބަރު ނެގުމަށްޓަކައި، ސަބްމިޝަން ރިސިޓްގައި އޮންނަ ޕީޕީއެޗް ނަންބަރާއި ބޮކްސް ނަންބަރު ޖެހުމަށްފަހު، ސަބްމިޝަން ރިސިޕްޓް އަޕްލޯޑްކޮށްލުމުން ނަންބަރު ނެގޭނެއެވެ.
ވޯކް ވީޒާގެ ޚިދުމަތަކީ، ސަރުކާރާއި އަމިއްލަ ކުންފުނިތަކާއި ވަކި ވަކި ފަރުދުން އެކިއެކި ކޯޓާތަކުގައި ރާއްޖޭގައި މަސައްކަތްކުރުމަށް ގެންނަ ބިދޭސީންގެ ވީޒާ ޖެހުމާއި، ވީޒާ އާކުރުމާއި އަދި ވީޒާއާއި ގުޅުންހުރި އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުމަށް އިމިގްރޭޝަނުން ދެމުން އަންނަ ޚިދުމަތެކެވެ.



