ހުޅުމާލޭގެ ފޭސް 2 ގެ ބައެއް ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑެން މެދުވެރިވީ އެ ސަރަހައްދަށް ކަރަންޓު ފޯރުކޮށްދޭ މައި ކޭބަލަކަށް ގެއްލުންވުމާ ގުޅިގެން ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ވިދާޅުވެއްޖެއެވެ.
ފޭސް 2 ގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވަނީ މީގެ 5 ވަރަކަށް ގަޑިއިރު ކުރިންނެވެ.
ސްޓެލްކޯއިން ބުނިގޮތުގައި، ފޭސް 2 އަށް ކަރަންޓު ފޯރުކޮށްދިނުމަށް އަޅާފައިވާ މައި ހަތަރު ކޭބަލްގެ ތެރެއިން އެއް ކޭބަލަށް ގެއްލުން ލިބިފައިވަނީ ކޮނުމުގެ މަސައްކަތެއްގެ ތެރެއިން ކަމަށް ބެލެވެއެވެ. މި މައްސަލަ ދިމާވި ވަގުތުން ފެށިގެން އެ ކުންފުނީގެ ޓެކްނިކަލް ޓީމުތަކުން ދަނީ މައްސަލަ ހައްލުކޮށް، ކަރަންޓުގެ ހިދުމަތް އިއާދަކުރުމަށް މަސައްކަތް ކުރަމުން ކަމަށް ސްޓްލްކޯއިން ވިދާޅުވިއެވެ.
މިވަގުތު ފޭސް 2 ގެ ކަރަންޓު ވިއުގައާއި ލޯޑު ހުރިގޮތުން، ބާކީ ހުރި ތިން ކޭބަލް މެދުވެރިކޮށް މުޅި ފޭސް 2 އަށް ފުރިހަމައަށް ކަރަންޓު ފޯރުކޮށްދިނުމުގައި ދަތިތަކެއް ވަނީ ދިމާވެފައި ކަމަށާއި މި މައްސަލަ ހައްލުކުރުމަށްޓަކައި ޓެކްނިކަލް ޓީމުން ހުއްޓުމެއްނެތި މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ ކުންފުނިން ފާހަގަކުރިއެވެ.
އަދި ކަރަންޓު ކެނޑުނު ޓަވަރުތަކުގެ ތެރެއިން ހިޔާ 2 އަދި 6 ފިޔަވައި އެހެން ހުރިހާ ޓަވަރުތަކަށް މިހާރު ވާނީ ކަރަންޓުގެ ހިދުމަތް އަލުން ދެވިފައިކަމަށް ވެސް ސްޓްލްކޯއިން ވިދާޅުވިއެވެ.
ސްޓެލްކޯއިން އިތުރަށް ވިދާޅުވީ، ހިދުމަތް ނުދެވި ހުރި ސަރަހައްދުތަކަށް އަލުން ކަރަންޓު ދިނުމަށްޓަކައި، ގެއްލުންވި ކޭބަލްގެ ލޯޑު ބާކީ ހުރި ތިން ކޭބަލަށް ބަހާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.



