ހުޅުމާލޭގައި ބިނާކުރުމަށް ތައްޔާރުވަމުންދާ ބޮޑު މިސްކިތުގެ މަޝްރޫޢުއާ ގުޅޭގޮތުން މަޝްވަރާތަކެއް ބާއްވައިފިއެވެ.
މި މަޝްވަރާތައް ބާއްވާފައިވަނީ ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަލީ ޒުހައިރުއާއެކު އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
މިއަދު އެޗް.ޑީ.ސީގެ މައި އޮފީހުގައި ކުރިއަށް ގެންދެވުނު މި ބައްދަލުކުރެއްވުމުގައި މިނިސްޓްރީގެ އިސްވެރިންނާއި އެޗްޑީސީގެ އިސްވެރިން ވަނީ ބައިވެރިވެލައްވާފައެވެ.
ހުޅުމާލޭގައި ބިނާކުރުމަށް ހަމަޖެހިފައިވާ ބޮޑު މިސްކިތުގެ މަޝްރޫޢުއަށް ފައިނޭންސް ކުރުމަށް ސަޢުދީ ޢަރަބިއްޔާގެ އަލްރަޖްޙީ ކުންފުންޏާއެކު މިހާރު ވަނީ ފަހުމުނާމާއެއްގައި ސޮއިކުރައްވާފައެވެ.
ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާނުގައި އިޢުލާންކުރެއްވި މި ބޮޑު މިސްކިތް ބިނާކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރުފުރޭ މުނާސަބަތާ ގުޅުވައިގެންނެވެ.
މި މިސްކިތް ބިނާކުރާނީ ކޮމްޕްލެކްސްގައި ވަޤުފު ބިނާތަކާއި ކޮމާޝަލް ބިލްޑިންގއާއި ޕާކިންވެސް ހިމެނޭހެންނެވެ. ވަޤުފު ޢިމާރާތުން ލިބޭ ނަފާ ހޭދަކުރެވިގެންދާނީ ރާއްޖޭގެ އިސްލާމީ ކަންތައްތަކަށްކަމަށެވެ. އަދި ޤުރުއާން މިއުޒިޔަމަކާއި އެހެނިހެން މުހިންމުކަންކަންވެސް މިސްކިތުގައި ހިމެނޭނެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، މިއީ ރާއްޖޭގައި ބިނާކުރެވޭނެ އެންމެ ބޮޑު އެއް މިސްކިތަށް ވެގެންދާނެކަމަށާއި، މި މިސްކިތް ބިނާކުރެވިގެންދާނީ ހުޅުމާލޭ ފޭސް 2 އަދި ފޭސް 3 ދެމެދުގައެވެ.




