ހުޅުމާލޭ ފޭސް 2 ގެ ކަރަންޓުގެ ވިއުގަ އިތުރަށް ހަރުދަނާކޮށް، ދިމާވާ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ސްޓެލްކޯއާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
މި ބައްދަލުވުމަކީ ފޭސް2 ގެ ގިނަ ޓަވަރުތަކުން ރޭގެ ވަގުތެއްގައި ގިނަ އިރުތަކަކަށް ކަރަންޓު ކެނޑުމާ ގުޅިގެން ކުރިއަށްދިޔަ ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނު ކަންކަމުގެ ތެރޭގައި، ނެޓްވޯކަށް މައްސަލައެއް ދިމާވާ ހާލަތްތަކުގައި ކަރަންޓު ކެނޑިފައި ހުންނަ ވަގުތު ވީހާވެސް ކުޑަކުރުމަށްޓަކައި، ފޭސް 2ގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ’ސްކާޑާ’ ސިސްޓަމްގެ މަސައްކަތް އަވަސްކުރުން ހިމެނެއެވެ.
މީގެ އިތުރުން ރޭ މައްސަލަ ދިމާވި މައި ކޭބަލް މަރާމާތުކުރުމުގެ މަސައްކަތް އަވަސްކުރުމާ ގުޅޭގޮތުންވެސް ދެ ކުންފުނީގެ އިސްވެރިން ވަނީ ވާހަކަދައްކަވާފައެވެ.
ސްޓެލްކޯއިން ވިދާޅުވީ، ފޭސް 2 ގެ ނެޓްވޯކް އެޅުމުގެ މަސައްކަތް ކުރާ ކޮންޓްރެކްޓަރު އަޅާފައިވާ އިތުރު ކޭބަލްތައް ’އެނަޖައިޒް‘ ކޮށް، ވީހާވެސް އަވަހަކަށް ބޭނުންކުރަން ފެށޭނެ އިންތިޒާމުތައް އެޗްޑީސީގެ ފަރާތުން ހަމަޖެއްސުމަށް ވެސް މަޝްވަރާކޮށްފައިވާ ކަމަށެވެ.
އެ ކޭބަލްތަށް އެނަޖައިޒް ކުރެވިއްޖެ ނަމަ، މައި ކޭބަލަކަށް ގެއްލުންވެ ކަރަންޓުގެ ހިދުމަތް މެދުކެނޑޭ ހާލަތެއްގައި ކަރަންޓު އަނބުރާ ދިނުމަށް ހޭދަވާ ވަގުތު ބޮޑުތަނުން ކުޑަ ކުރެވި އެކަމުގެ ފަސޭހަތައް ލިބިގެންދާނެ ކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.



