ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވާތީ، އެ ދާއިރާގެ ބައި-އިލެކްޝަން ޖޫން މަހުގެ 6 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
މި އިންތިޚާބު ބޭއްވުމަށް ނިންމާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2025/SC-C/01 ޤަޟިއްޔާއިން، ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވާކަމަށް ޙުކުމްކޮށްފައިވާތީއެވެ.
މިއާއެކު އެ ދާއިރާއަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލާ ކަމަށްވެސް ބުނެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ ދަށުން، މި ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ 2026 އެޕްރީލް 14 ވާ އަންގާރަ ދުވަހުގެ 10:00 އިން ފެށިގެން، 2026 އެޕްރީލް 29 ވާ ބުދަ ދުވަހުގެ 15:00 އާ ހަމަޔަށެވެ.
އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ކޮމިޝަންގެ އީ-މެއިލް candidacy@elections.gov.mv މެދުވެރިކޮށެވެ. އީ-މެއިލް މެދުވެރިކޮށް ފޯމު ހުށަހަޅާއިރު ހުރިހާ ފައިލެއްގެ ސައިޒު 10 އެމް.ބީ އަށްވުރެ ބޮޑުވެގެން ނުވާނެ ކަމަށާއި، ފޯމު ލިބުނުކަން ކެންޑިޑޭޓުން ކަށަވަރު ކުރަންވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
އީ-މެއިލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް ދަތިވާ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުގެ މައި އިދާރާ (ޕޯޓް ކޮމްޕްލެކްސް، 5 ވަނަ ފަންގިފިލާ) އަށް ހާޒިރުވެ ފޯމު ހުށަހެޅުމުގެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ.
ކޮމިޝަނަށް ހާޒިރުވެގެން ފޯމު ހުށަހެޅޭނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 15:00 އަށެވެ. ހުކުރު ދުވަހު ފޯމު ބަލައިގަންނާނީ މެންދުރުފަހު 14:00 އިން 16:00 އަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭޝަރުތުތައް:
- ދިވެހި ރައްޔިތަކަށްވުން.
- ބޭރު ޤައުމެއްގެ ރައްޔިތަކަށް ނުވުން.
- މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން.
- އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވުން.
- ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން.
- ބޭރު ޤައުމެއްގެ ރައްޔިތަކު ދިވެހި ރައްޔިތަކަށް ވެފައިވާ ނަމަ، އެމީހަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލެވޭނީ، އެމީހަކު ދިވެހިރައްޔިތަކަށްވީތާ 5 (ފަހެއް) އަހަރު ފުރުމަށްފަހުއެވެ.
- އަދި އެ މީހަކީ ދިވެހިރާއްޖޭގައި ދިރިއުޅެމުންދާ މީހަކުކަމުގައި ވާންވާނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބައިވެރި ނުވެވޭނެ ހާލަތްތައް:
- އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންނުދާ މީހަކު ކަމުގައިވުން.
- ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 (ބާރަ) މަސްދުވަހަށްވުރެދިގުމުއްދަތެއްގެ ޙުކުމެއް ތަންފީޛުކުރަމުންދާ މީހަކު ކަމުގައިވުން.
- ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއްކުރެވިފައިވާ މީހަކު ނަމަ، އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ، ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ 3 (ތިނެއް) އަހަރު ނުވާމީހަކު ކަމުގައިވުން.
- ފަނޑިޔާރަކު ކަމުގައިވުން.
އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގެ 25ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން އިންތިޚާބަށް ކުރިމަތިލާ ކޮންމެ ކެންޑިޑޭޓަކު އެމީހަކު އިންތިޚާބަށް ކުރިމަތިލުމުގެ ކުރިން، އެމީހާގެ ރަސްމީ އިންތިޚާބީ އޭޖެންޓަކު ކަނޑައަޅަންވާނެއެވެ. އިންތިޚާބީ އެޖެންޓަކަށް ނެގޭނީ ޤާނޫނުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ މީހެކެވެ.
ކޮމިޝަނަށް ޙާޟިރުވެ ފޯމު ހުށަހަޅަނީ ކެންޑިޑޭޓު ނޫން އެހެން ފަރާތެއްނަމަ، އެފަރާތެއްގެ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ އަޞްލު ގެންދަންޖެހޭނެއެވެ.
މި ބައި-އިލެކްޝަނުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، 6 ޖޫންގެ ހެނދުނު 8:00 އިން ހަވީރު 4:00އަށެވެ.
މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ ޖޫން 8 ވާ ހޯމަ ދުވަހުއެވެ.




