މަސްވެރިކަމުގެ އުފެއްދުންތައް ޕްރޮމޯޓްކުރުމަށް މި ސަރުކާރުން އަލަށް އުފެއްދި، މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ލިމިޓެޑްގެ ބޯޑަށް މެންބަރުން އައްޔަންކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް(ޕީސީބީ) އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މި ކުންފުނީގެ އައްޔަނުކުރީ ފަސް މެމްބަރުންކަމަށެވެ.
ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރަކަށް އައްޔަންކޮށްފައިވަނީީ، އަހްމަދު ޒަރީރެވެ. އިތުުރު މެންބަރުންނަކީ:
- މުންޝިދާ އިބްރާހިމް/ ގ. އޮނުހުރި
- އަހުމަދު ޝިފާޒް/ ނައިޓްރޯޒް/ ތ. ދިޔަމިގިލި
- އަހުމަދު ޔާމީން/ގްރީން ވިލާ-ސ.މީދީ
- އާދަމް މަނިކު/ ހ. ސަމަރްބްލޫ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ލިމިޓެޑް އުފެއްދެވީ، މިއަހަރުގެ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހު އެވެ.
މި ކުންފުނީގެ ބޭނުމަކީ، ރާއްޖޭގެ މަސްވެރިކަމުގެ ޞިނާޢަތު އިތުރަށް ފުޅާކޮށް މުޖުތަމަޢަށް އެ ޞިނާޢަތުން ލިބިދޭ މަންފާ އިތުރުކުރުމަށްޓަކައި އެކުއަރކަލްޗަރ އާއި މެރިކަލްޗަރ ފަދަ ކަނޑުފަޅުގެ އެންމެހާ ވަސީލަތްތަކުން އުފައްދާ އުފެއްދުންތައް ހިމެނޭ ގޮތުން، ރާއްޖޭގައި ކުރާ މަސްވެރިކަމުން އުފައްދާ އުފެއްދުންތައް ބައިނަލްއަޤްވާމީ ބާޒާރުގައި އިޝްތިހާރުކޮށް ޕްރޮމޯޓްކުރުން ހިމެނެއެވެ. އަދި އޭގެ ވިޔަފާރިން ލިބޭ މަންފާ އިތުރު ކުރުމަށްޓަކައި ރާއްޖޭގެ މަސްވެރިކަމަށް ޚާއްޞަ ބްރޭންޑެއް ތަޢާރަފުކޮށް، ޤައުމީ ބާޒާރާއި ބައިނަލްއަޤްވާމީ ބާޒާރަށް ނެރުމާއި، ފެންވަރު ރަނގަޅު އަދި މަތީ އަގު ލިބޭ ތަފާތު ބާޒާރުތަކުގައި ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތަކަށް ހިއްސާ ހޯދުން ހިމެނެއެވެ.




