ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވަޒީރުންގެ މަޖިލީހަށް ބޮޑެތި ބަދަލުތަކެއް ގެންނަވައި، އާ ވަޒީރުން މިރޭ މަގާމުގެ ހުވާ ކުރައްވައިފިއެވެ.
ރައީސް ވަނީ ސަރުކާރުގެ ބައެއް މިނިސްޓްރީތައް އެއްކޮށްލައި، 5 މިނިސްޓްރީ މަދުކޮށް، ޖުމްލަ 15 މިނިސްޓްރީއަށް މިނިސްޓްރީތައް ބަދަލުކުރައްވާފައެވެ.
މި ބަދަލުތައް ގެންނަވާފައިވަނީ ރައީސް މުއިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގެންނެވި 10 ބޭފުޅަކު މިއަދު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ވަޒީރުންގެ މަޖިލީހުގެ ހުވާ މިއަދު ކުރެއްވި ބޭފުޅުންނާއި އެ ބޭފުޅުން ހަވާލުވެވަޑައިގެންނެވި މިނިސްޓްރީތައް
- މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒެސް: މޫސާ ޒަމީރު
- މިނިސްޓްރީ އޮފް ހޯމް ލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ: އަލީ އިހުސާން
- މިނިސްޓްރީ އޮފް ފޮރިން އެފެއާޒް: އިރުތިޝާމް އާދަމް
- މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް:ޑރ. އިސްމާއިލް ޝަފީއު
- މިނިސްޓްރީ އޮފް ހެލްތް، ފެމިލީ އެންޑް ވެލްފެއާ: ގީލާ އަލީ
- މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވިލޮޕްމެންޓް، ޓްރޭޑް އެންޑް ޓްރާންސްޕޯޓް: މުހައްމަދު ސައީދު
- މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމެންޓްސް: ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
- މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން: މުހައްމަދު އަމީން
- މިނިސްޓްރީ އޮފް ޔޫތް އެމްޕަވަމެންޓް ސްޕޯޓްސް އެންޑް ފިޓްނެސް: އަބްދުﷲ ރާފިއު
- މިނިސްޓްރީ އޮފް އާރްޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް: ހީނާ ވަލީދު
- މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް: އަބްދުﷲ މުއްތަލިބް
- މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމެންޓް އެންޑް އެނާޖީ: އަލީ ޝަރީފް
މިރޭ ވަޒީރުންގެ މަގާމަށް ބޭފުޅުން އައްޔަނު ކުރެއްވިއިރު، ޑިފެންސް މިނިސްޓަރުގެ މަގާމަށް ބޭފުޅަކު އައްޔަނު ކުރައްވާފައެއް ނުވެއެވެ. އަދި ފިޝަރީޒް މިނިސްޓްރީގެ މެންޑޭޓަށް ވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މިއަދު މަގާމުން އިސްތިއުފާ ދެއްވި އެއްވެސް ބޭފުޅަކު އަލަށް ހުވާކުރެއްވި ބޭފުޅުންގެ ތެރޭގައި ނުހިމެނެއެވެ.
މި ބަދަލުތަކަކީ މިފަހުން ބޭއްވި އިންތިހާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއަށްފަހު، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުގެ ކަންކަން އިސްލާހުކުރުމަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުގެ ދަށުން ގެންނެވި ބަދަލުތަކެކެވެ.
މީގެ ކުރިން ވެސް ރައީސް ވަނީ ސަރުކާރުގެ އެކި މަގާމުތަކަށާއި ކުންފުނިތަކުގެ އިސްވެރިންނަށް ބަދަލުތައް ގެންނަވާފައެވެ.




