ސަޢޫދީ ޢަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީގެ ވަފުދެއް ރާއްޖެ ވަޑައިގެންފި އެވެ.
މި ވަފްދަކީ، ރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ސަޢުދީ ޢަރަބިއްޔާގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ގުޅިގެން ކުރިއަށް ގެންދާ އިލްމީ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރާއްޖެ ވަޑައިގެންނެވި ވަފްދެކެވެ.
މިއަދު އިސްލާމިކް މިނިސްޓަރު ޑރ. އަލީ ޝަހީމް ވަނީ އެ ވަފުދާ ބައްދަލު ކުރައްވާފަ އެވެ. މިނިސްޓަރު ވިދާޅުވީ، ސައުދީ އަރަބިއްޔާއަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅުތަކުގެ ތެރެއިން ސައުދީގެ އިސްލާމިކް މިނިސްޓްރީއާއެކު ބޭއްވެވި ބައްދަލުވުންތަކުގައި ދެވުޒާރާ ގުޅިގެން ރާއްޖޭގައި ދީނީ އިލްމީ ޕްރޮގްރާމްތަކެއް ހިންގުމަށް މަޝްވަރާ ކުރެއްވި ކަމަށާއި، މިހާރު ރާއްޖެ ވަަޑައިގެން އުޅުއްވާ ވަފްދަކީ އެ މަޝްވަރާތަކުގައި ވެވުނު އެއްބަސްވީގޮތުގެ މަތިން ރާއްޖޭގައި ދީނީ އިލްމީ ޕްރޮގްރާމްތައް ހިންގުމަށް ވަޑައިގެންނެވި ބޭފުޅުންތަަކެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިއީ، އޭގެ ފެށުންކަމަށާއި މުސްތަގުބަލުގައި ވެސް މިފަދަ އިތުރު ޕްރޮގްރާމްތަކެއް ދެވުޒާރާ ގުޅިގެން ކުރިޔަށް ގެންދިއުމަށް ރޭވިފައިވާކަމަށެވެ.
މި ޕްރޮގްރާމްގެ މަގުސަދަކީ އިސްލާމްދީނުގެ ސައްހަ އަގީދާ މީސްތަކުންނަށް ކިޔައިދީ، ބަޔާންކޮށްދިނުމުގެ އިތުރުން، ރާއްޖޭގެ ދީނީ ކަންތައްތަކުގައި ހަރަކާތްތެރިވާ ޒުވާނުންނާއި، އިލްމުވެރިންނާއި، ޖަމްއިއްޔާ ޖަމާއަތަތްކަށް އިސްލާމްދީނުގެ މެދުމިނުގެ އުސޫލުތައް ކިޔައިދީ، ހަރުކަށި ވިސްނުންތަކާއި ދެކޮޅަށް އިސްލާމްދީނުގެ ސައްޙަ މައުލޫމާތުތައް އިލްމީ ގޮތުން އޮންނަ ގޮތް ކިޔައިދިނުން ކަމަށެވެ.
މި ޕްރޮގްރާމްތައް ހިންގަނީ ދީނީ އިލްމުވެރިންނަށާއި، ޚަޠީބުންނަށާއި، އެނޫނަސް އިޖުތިމާއީ، ދީނީ އަދި އިލްމީ އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށްކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައި ވެއެވެ.



