އިޒްރޭލާއި ލުބުނާނާ ދެމެދު ކުރަމުންދާ ހަނގުރާމަ 10 ދުވަހުގެ މުއްދަތަކަށް ހުއްޓާލަން އެ ދެ ޤައުމުން ވެސް އެއްބަސްވެފައިވާ ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު އިއުލާނު ކުރައްވައިފިއެވެ.
ސޯޝަލް މީޑިއާގައި ޓްރަމްޕް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި އެއްބަސްވުމަށް އަމަލުކުރަން ފަށާނީ އެމެރިކާ ގަޑިން މިއަދު ހަވީރު 5:00 (ޖީއެމްޓީން 21:00) ގައި ކަމަށެވެ.
މި ނިންމުމަށް އާދެވުނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ލުބުނާނުގެ ރައީސް ޖޯސެފް އައޫންއާ އެކު ކުރެއްވި މަޝްވަރާތަކަށް ފަހުގައި ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕުގެ މި އިއުލާނާ ގުޅިގެން ލުބުނާނުގެ ބޮޑުވަޒީރު ނަވާފް ސަލާމް ވަނީ މިއީ ހަނގުރާމަ ފެށުނު ދުވަހުން ފެށިގެން ލުބުނާނުން އެންމެ ބޮޑަށް އެދެމުންދިޔަ ކަންތައް ކަމަށެވެ. އަދި އޭނާ ވަނީ މި އެއްބަސްވުމަށް މަރުހަބާ ވެސް ވިދާޅުވެފައެވެ.
އިޒްރޭލުގެ ހަމަލާތަކާ ގުޅިގެން ގެދޮރު ދޫކޮށް ދާންޖެހުނު އެއް މިލިއަނަށްވުރެ ގިނަ މީހުންނަށް ވީ އެންމެ އަވަހަކަށް އެނބުރި ރަށަށް ދެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ނަވާފް ސަލީމް ވިދާޅުވިއެވެ.
ލުބުނާނާއި އިޒްރޭލާ ދެމެދު ހަމަލާތައް ބަދަލުކުރަން ފެށީ، ފެބްރުއަރީ 28 ވަނަ ދުވަހު ޔަހޫދީ އިޒްރޭލުން ދިން ހަމަލާއެއްގައި އީރާނުގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން، އޭގެ ރައްދުގައި މާރިޗު ދެ ވަނަ ދުވަހު ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުން އިޒްރޭލަށް ރޮކެޓް ހަމަލާތަކެއް ދިނުމުންނެވެ. އޭގެ ފަހުން ޔަހޫދީން ލުބުނާނަށް ދެމުންދާ ވަރުގަދަ ހަމަލާތަކުގައި މިހާތަނަށް 2،100 އަށްވުރެ ގިނަ މީހުން މަރުވެ، އެތައް ހާސް ބަޔަކު ވަނީ ޒަޚަމްވެފައެވެ. އަދި ލުބުނާނުގެ ސަރަހައްދުގެ 15 އިންސައްތަ މީހުންނަށް ވަނީ މަޖުބޫރުން ގެދޮރު ދޫކޮށް ދާން އަންގާފައެވެ.



