ދިވެހި ސަރުކާރުގެ އަމާޒަކީ, މަސް ޕްރޮސެސްކުރާ ކާރުޚާނާތަކުގައި ބޭނުންކުރާ ހަކަތައިގެ %35 އަކީ އިއާދަކުރަނިވި ހަކަތަކަން ކަށަވަރުކުރުންކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، 18 ވަނަ އިންފޯފިޝް ވޯލްޑް ޓޫނާ ޓްރޭޑް ކޮންފަރެންސް އެންޑް އެކްޒިބިޓާސްގެ އިފްތިތާހީ ސެޝަންގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި، ދިވެހި ސަރުކާރުން ކުރިޔަށް އޮތް ފަސްއަހަރަށް މަސްވެރިކަމުގެ ދާއިރާއަށް ގެންގުޅޭ ތަސައްވަރު ހިއްސާކުރެއްވި އެވެ. އެގޮތުން، ސަރުކާރުގެ ވިސްނުމަކީ ގަނޑުކުރި ތާޒާ ކަޅުބިލަމަސް އެކްސްޕޯޓްކުރާ މިންވަރު ދަށްކޮށް ރާއްޖޭގައި އެ މަސް ޕްރޮސެސްކޮށްގެން ނުވަތަ ވެލިއު-އެޑްކޮށްގެން އެކްސްޕޯޓްކުރުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ސަރުކާރުގެ މިއަމާޒަށް ވާސިލުވުމަށްޓަކައި ފ. ނިލަންދޫއާއި، ގދ ފިޔޯރީގައި މަސް ކާރުޚާނާތައް ގާއިމުކުރައްވާނެކަމަށް ވިދާޅުވި އެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި، މަސްވެރިކަމުގެ ސިނާއަތުގައި ތެލަށް ބަރޯސާވާ މިންވަރު ދަށްކުރުމަށް ސަރުކާރުން ރާވަމުން އަންނަކަމަށާއި، އަދި އިޔާދަކުރަނި ހަކަތައަށް ބަދަލުކުރުމުގެ ވިސްނުން ގެންގުޅުއްވާކަމަށް ވިދާޅުވި އެވެ. އަދި، ރާއްޖޭގައި އުފެއްދޭ މަހުގެ ބާއްވަތްތަކަކީ ތިމާވެއްޓާއި ރަށްޓެހި ވަސީލަތްތަކުން އުފެއްދޭ އުފެއްދުންތަކަކަށް ހެދުމަށް މަސައްކަތް ކުރައްވާނެކަމަށާއި، އަމާޒަކީ ރާއްޖޭގެ މަސް ޕްރޮސެސްކުރާ ކާރުޚާނާތަކުގައި ބޭނުންކުރާ ހަކަތައިގެ %35 އަކީ އިއާދަކުރަނިވި ހަކަތަކަން ކަށަވަރުކުރުންކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވި އެވެ.
އިންފޯފިޝް ވޯލްޑް ޓޫނާ ޓްރޭޑް ކޮންފަރެންސް އެންޑް އެކްޒިބިޓާސް އަކީ، ދުނިޔޭގެ ކަނޑުމަހުގެ ސިނާއަތުގެ އެންމެ ބޮޑު ހަރަކާތެވެ. މިއަދުން ފެށިގެން މިމަހުގެ 23 އަށް ތައިލެންޑްގެ ޝަންގްރިއްލާ ހޮޓަލުގައި ކުރިޔަށްދާ މި ހަރަކާތުގައި، މިފްކޯގެ ސީއީއޯ އަޙުމަދު ޝަމާހު ރަޝީދުގެ އިތުރުން ކުންފުނީގެ އިސްވެރިންވެސް ބައިވެރިވެވަޑައިގަންނަވައެވެ.



