މިދިޔަ މާރިޗު މަހުގެ ނިޔަލަށް ބޭނުން ކުރެވޭ ރިޒާވް 400 މިލިއަން ޑޮލަރަށް ވުރެ އިތުރުވެފައިވާކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ ރައްޖެއިން ސުކޫކް ދެއްކުމުގެ ކުރިން ރިޒާވް ހުރި މިންވަރެކެވެ.
އެމްއެމްއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައްކަށް ބަލާއިރު ރަސްމީ ރިޒާވް ވަނީ އޭގެ ކުރީ މަހާއި އަޅާބަލާއިރު އިތުރުވެފައެވެ.
އެގޮތުން މިދިޔަ ފެބްރުއަރީ މަހުގެ ނިޔަލަށް، ރަސްމީ ރިޒާވުގައި ހުރީ، 1.27 ބިލިއަން ރުފިޔާއެވެ. ނަމަވެސް މާރިޗު މަހު މިއަދަދު އިތުރުވެ، 1.33 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. މިއީ %4.7 ގެ ކުރިއެރުމެކެވެ. މިއީ ރަސްމީ ރިޒާވް މިހާތަނާށް އެންމެ މަތިވި ފަހަރެވެ.
ރަސްމީ ރިޒާވަށް ހެޔޮ ބަދަލެއް އައިސްފައިވާއިރު، ބޭނުން ކުރެވޭ ރިޒާވަށްވެސް ވަނީ އިތުރުވެފައެވެ. ބޭނުން ކުރެވޭ ރިޒާވު ގުނަނީ، ރަސްމީ ރިޒާވު އަދި ރަސްމީ ރިޒާވުގައި ނުހިމެނޭ އިންވެސްޓްމެންޓުގެ ގޮތުގައި ހުރި ބޭރުފައިސާގެ އަދަދުން، ކުރިއަށް އޮތް އަހަރު ދުވަހަށް ނުވަތަ އެއަށްވުރެ ކުރު މުއްދަތަށް ދައްކަން ޖެހޭ ބޭރުފައިސާގެ އިލްތިޒާމުތަކަށްވާ އަދަދު ކެނޑުމަށްފަހުއެވެ.
މިއީ ރިޒާވުން ވަގުތުން ބޭނުން ކުރަން ހުރި އަދަދެވެ. ފެބުރުވަރީ މަހުގެ ނިޔަލަށް ކުރު މުއްދަތަށް ދައްކަން ޖެހޭ ބޭރުފައިސާގެ އިލްތިޒާމުތަކަށްވާ އަދަދު ހުރީ، 1.03 ބިލިއަން ޑޮލަރުގައެވެ.




