މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް އަންނަމުންދާ ލޮޅުންތަކާއެކުވެސް، ރާއްޖެއަށް ބޭނުންވާ ތެޔޮ ހުއްޓުމެއްނެތި ލިބޭނެކަން ސަރުކާރުން ކަށަވަރުކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކުލަވައިލެއްވި ވަޒީރުންގެ ޚާއްސަ ކޮމިޓީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ތެޔޮ ލިބުމުގައި އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދޭ ކަމަށެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ތެލުގެ އަގަކީ ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލުތަކާ ގުޅިފައިވާ ކަމަކަށްވާތީ، އެއީ ދިވެހި ސަރުކާރަށް ނުފޫޒު ފޯރުވޭނެ ކަމެއް ނޫނެވެ. ނަމަވެސް، ސަރުކާރުގެ މައިގަނޑު އަމާޒަކީ ރާއްޖެއަށް ބޭނުންވާ ތެޔޮ މެދުކެނޑުމެއްނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”ތެޔޮ ލިބޭނެކަން ސަރުކާރުން ޔަގީންކުރާނެކަމާމެދު ސުވާލެއް ނެތް،“ މިނިސްޓަރު ވިދާޅުވިއެވެ.
ތެޔޮ ލިބޭނެކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މި މަހުގެ ތެރޭގައި ތިން ޝިޕްމެންޓެއް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން މި މަހުގެ 18 ވަނަ ދުވަހު 18,000 މެޓްރިކްޓަނުގެ ޑީސަލާއި 5,400 މެޓްރިކްޓަނުގެ ޕެޓްރޯލު ގެނެސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން، އޭޕްރީލް 24 ގައި 25,400 މެޓްރިކްޓަނުގެ ޑީސަލް އަދި 28 ވަނަ ދުވަހު 28,000 މެޓްރިކްޓަނުގެ ޖެޓް ފިއުލް ރާއްޖެއަށް ލިބޭނެއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، އާންމުކޮށް އޮމާނުން ތެޔޮ ގަންނަމުން އައި ނަމަވެސް، މިހާރު ސިންގަޕޫރުންވެސް ޝިޕްމެންޓުތައް ގެނެސްފައިވާ ކަމަށެވެ. މީގެ ސަބަބުން ރައްޔިތުންނަށާއި ރާއްޖޭގެ ވިޔަފާރިތަކަށް ތެޔޮ ލިބުމުގައި އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ސިނާއަތްތައް ކުރިއަށްގެންދިއުމަށްޓަކައި ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިސާލެއްގެ ގޮތުން މިނިސްޓަރު ފާހަގަކުރެއްވީ، ރޯދަމަސް ނިމުނުއިރު މަސްވެރިކަމުގެ ސިނާއަތަށް ދިމާވި ދަތިތަކާ ގުޅިގެން މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދިން ކަމެވެ.
މީގެ އިތުރުން، މުދަލުގެ އަގުތައް ހެޔޮކުރުމަށް ސަރުކާރުން ގެންގުޅޭ މާލީ ސިޔާސަތުތަކުގެ ދަށުން، ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ދޫކުރުން އިތުރުކޮށްފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން ނިމިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި 5.6 މިލިއަން ޑޮލަރު ދޫކުރިއިރު، މި އަހަރުގެ ފުރަތަމަ ކުއާޓާގައި 106 މިލިއަން ޑޮލަރު ދޫކޮށްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.




