ކުރީގެ އިކޮނަމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވައި ވެރިކަމަށް ގެންނަން ތާއީދުކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އިއުލާނު ކުރައްވައިފިއެވެ.
މިކަން ހާމަކުރައްވާފައިވަނީ ”ބޮޑު ބަދަލު“ގެ ނަމުގައި ފައްޔާޒު އާއި ނަޝީދު އެކުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ފައްޔާޒު އިސްމާއިލް ވަނީ ގާނޫނުއަސާސީއާއި ވެރިކަން ހިންގުމުގެ ނިޒާމަށް ގެންނަން ދެ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ މުހިންމު ބަދަލުތަކެއް ހުށަހަޅުއްވާފައެވެ. އޭގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ ދައުލަތުގެ އެންމެ އިސްވެރިޔާގެ އިތުރުން ސަރުކާރުގެ އިސްވެރިޔާއަކީ ވަކި ދެ ބޭފުޅެއްގެ ގޮތުގައި ހަމަޖެއްސުމެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހާއި މިނިވަން މުއައްސަސާތަކުގެ ބާރުވެރިކަން އިތުރުކުރުމަށް ވެސް ވަނީ ހުށަހަޅާފައެވެ. އެގޮތުން ކޯޓުތަކަށް ބާރުތައް ދިނުމާއި، މިނިވަން މުއައްސަސާތަކުގެ މެންބަރުން ހަމައެކަނި މަޖިލީހުގެ މެޖޯރިޓީއަކުން ވަކި ނުކުރެވޭނެ ގޮތް ހެދުން ހިމެނެއެވެ. ފައްޔާޒު ވިދާޅުވި ގޮތުގައި މުއައްސަސާތަކުގެ މެންބަރުން ވަކިކުރުމުގައި ރައްޔިތުންގެ ބަހެއް އޮންނަން ޖެހޭނެއެވެ.
ފައްޔާޒުގެ ވާހަކަތަކަށް ތާއީދު ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، މި ބޮޑު ބަދަލު ގެނައުމަށްޓަކައި ފައްޔާޒު އިސްމާއީލް ސަރުކާރުގެ އެންމެ މަތީ ވެރިޔާގެ ގޮތުގައި ކުރިމަތިލުމަށް ތާއީދު ކުރައްވާ ކަމަށެވެ.
”އަޅުގަނޑު ގަސްތުކޮށްފިން އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލާން،“ ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ޗެއާޕާސަން ކަމަށް ވާދަކުރައްވަނީ އެމްޑީޕީގެ ތެރެއިން މި ބަދަލުތައް ބަލައިގަތުމަށް މަސައްކަތް ކުރުމަށެވެ.
ނަޝީދު އިތުރަށް ވިދާޅުވީ މި ބަދަލުތަކަކީ 2028 ވަނަ އަހަރުގެ ފަހުން ގެންނަންޖެހޭ ބަދަލުތަކެއް ނޫން ކަމަށާއި، މިއީ މިހާރުން މިހާރަށް ބޭނުންވާ ބަދަލުތަކެއް ކަމަށެވެ. އަދި މިކަމުގައި މަޝްވަރާ ކުރުމަށް ސަރުކާރަށް ދައުވަތު ދެއްވަމުން، މި ބަދަލުތައް ހޯދުމަށްޓަކައި ސީދާ ހަރަކާތްތަކާއި، ސުލްހަވެރި ހިނގާލުންތަކުގެ އިތުރުން ޖަލްސާތައް ވެސް ބާއްވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.




