ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މިހާރު ތިބި މުވައްޒަފުންގެ އަދަދު 42،000 އަށް އަރާކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި މުވައްޒަފުންގެ އަދަދަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ.
މިނިސްޓަރު ޒަމީރު ފާހަގަކުރެއްވި ގޮތުގައި، ކުންފުނިތައް ރައިޓް ސައިޒް ކުރުމަކީ ކުއްލިއަކަށް ގިނަ އަދަދެއްގެ ބަޔަކު ވަޒީފާއިން ވަކިކުރުމެއް ނޫނެވެ.
”އަޅުގަނޑުމެންގެ މިހާރުގެ އެސްޓިމޭޓަކީ 42،000 ތިބޭނޭ މުޅި ހުރިހާ އެސްއޯއީތަކެއްގައި މިހާރު ރާއްޖޭގައި ވަޒީފާގައި. ކުންފުނިތައް ރައިޓް ސައިޒް ކުރާއިރު އެއީ އަޅުގަނޑުމެން މާދަމާ ހެނދުނު އިރުއަރަންވާއިރަށް މީހުން ކަނޑާށެކޭ ނޫން،“މިނިސްޓަރު ވިދާޅުވިއެވެ.
ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދުތަކާއި ޑޭޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އާއި ކަމާގުޅޭ ކުންފުނިތަކުން ގަވާއިދުން ބަލަހައްޓަމުންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ބައެއް ކުންފުނިތަކުގައި މިހާރު ތިބި އަދަދުން މާ ބޮޑުތަން މަދުކޮށްފިނަމަ ކުންފުނީގެ އޮޕަރޭޝަންތަކަށް ދަތިވެދާނެތީ، އެކަން ކުރާނީ ވަރަށް ބޮޑަށް ދިރާސާކުރުމަށްފަހު ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މުވައްޒަފުން މަދުކުރުމުގައި ސަރުކާރުން ގެންގުޅޭނީ އިންސާފުވެރި އުސޫލެއްކަން ހާމަކުރައްވަމުން ޒަމީރު ވިދާޅުވީ، މިކަމަކީ ރައްޔިތުންގެ ދިރިއުޅުމާ ގުޅިފައިވާ ކަމަކަށްވާތީ ސަރުކާރުން މިކަމުގައި ވަރަށް ބޮޑަށް އިސްކަންދޭ ކަމަށެވެ.
”ހަމަޖެހޭ އުސޫލެއް، އަދި އެމްޕްލޯއިމަންޓް ގާނޫނާ އެއްގޮތަށް އެ ކަންތައް ކުރަން އަޅުގަނޑު އަންގާފައި ވެސް އޮންނާނީ. މި މީހުންނަށް މިކަމުގެ ސަބަބުން އަންނާނެ އުނދަގޫތަކަށް ބަލައިގެން އެ ކަންތައް ކުރަން. މީގައި އަޅުގަނޑުމެން ވަރަށް ސެންސިޓީވް ވާނެ،“ މިނިސްޓަރު އިތުރަށް ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓްރީން ވަނީ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް ޕީސީބީއަށް އަންގާފަ އެވެ. 17 އެޕްރީލް 2026 ގައި ޕީސީބީގެ ރައީސް މުޙައްމަދު އަނަސް އަށް ފޮނުއްވި ސިޓީއެއްގައި، ކުންފުނިތަކުގެ މަސައްކަތްތަކުގެ ހިންގުންތެރިކަން އިތުރުކުރުމާއި، އިންސާނީ ވަސީލަތްތައް މެނޭޖްކުރުން ހަރުދަނާކުރުމުގެ އިތުރުން، މާލީ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނިތައް ހިންގުމަށް ބާރުއެޅުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ވަނީ ބަޔާންކޮށްފަ އެވެ.
މި އިސްލާހީ ފިޔަވަޅުތަކުގެ ދަށުން، ވަޒީފާއަށް މީހުން ނެގުމުގެ ނިޒާމު ހަރުދަނާކޮށް، ތައުލީމީ ފެންވަރާއި، ހުނަރާއި، ގާބިލިއްޔަތަށް ބަލައިގެން މީހުން އައްޔަންކުރުމަށް ވަނީ އިރުޝާދު ދީފަ އެވެ.
މި މަސައްކަތް ކުރިއަށްދާނީ ރައްޔިތުންނަށް ލިބޭނެ ގެއްލުން ކުޑަކުރެވޭނެ ގޮތްތަކަށް ބަލައިގެން، ކެބިނެޓުގައިވެސް މަޝްވަރާކުރެވިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.




