ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ދިގު ތާރީޚުގައި ފުރަތަމަ ފަހަރަށް އެ ބޭންކުގެ ޖުމްލަ އެސެޓް 60 ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރައިފިއެވެ.
ބީއެމްއެލްއިން މިއަދު ނެރުނު ފުރަތަމަ ކުއާޓަރު ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު ބޭންކުގެ ޖުމްލަ އެސެޓް ވަނީ 60.6 ބިލިއަން ރުފިޔާއަށް އަރާފައެވެ.
މިއީ މިދިޔަ އަހަރު ނިމުނުއިރު އެސެޓް ހުރި 55.8 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ. މިއީ ބޭންކުގެ 43 އަހަރުވީ ތާރީޚުގައި އެސެޓްގެ އަގު މިހާ މަތީ މިންވަރަކަށް ދިޔަ ފުރަތަމަ ފަހަރެވެ.
މާލީ ނަތީޖާއަށް ބަލާއިރު، ވޭތުވެދިޔަ ކުއާޓަރުގައި ބޭންކަށް ޖުމްލަ އާމްދަނީގެ ގޮތުގައި 1.24 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. ހިންގުމުގެ ފައިދާގެ ގޮތުގައި 879 މިލިއަން ރުފިޔާ ލިބިފައިވާއިރު، ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 631 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 27 އިންސައްތައިގެ އިތުރުވުމެކެވެ.
ކަސްޓަމަރުން ބޭންކަށް ކުރާ އިތުބާރު ބޮޑުވަމުންދާކަން ފާހަގަކުރަމުން ބޭންކުން ބުނެފައިވަނީ، ވޭތުވެދިޔަ ކުއާޓަރުގައި ކަސްޓަމަރުން ބޭންކަށް ޖަމާކުރި ފައިސާގެ ޖުމްލަ 40.7 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށެވެ. މީގެ ތެރޭގައި އެންމެ ބޮޑު ހިއްސާއެއް އޮތީ ބޭރު ފައިސާއިން ޖަމާކޮށްފައިވާ އަދަދުތަކުންނެވެ.
ބީއެމްއެލް އިން ވަނީ މިދިޔަ އަހަރަކީ އެ ބޭންކުގެ ތާރީޚުގައިވެސް އެންމެ ރަނގަޅު މާލީ ނަތީޖާއެއް ހާސިލުކުރި އަހަރުގެ ގޮތުގައި ފާހަގަކޮށްފައެވެ. އެ ކާމިޔާބީއަށްފަހު، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައިވެސް ބޭންކުން ވަނީ ވަރުގަދަ މާލީ ނަތީޖާއެއް ދައްކައި، ކުރިއެރުން ދަމަހައްޓާފައެވެ.




