ބްލެކް މާކެޓުން ބޭރު ފައިސާ ހޯދާކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތައް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރަސްމީކޮށް ދޮގުކޮށްފިއެވެ.
ބީއެމްއެލްގެ އޮފިޝަލް ސްޕޯކްސްޕާސަން މުޙައްމަދު ސައީދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ހައިސިއްޔަތުން ބީއެމްއެލުން އަބަދުވެސް އަމަލުކުރަނީ ރާއްޖޭގެ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ ޕްރޫޑެންޝަލް ގައިޑްލައިންތަކާއި ރިޕޯޓިން ފްރޭމްވޯކްތަކާ އެއްގޮތަށް ކަމަށެވެ.
ބޭންކުން ކަޅު ބާޒާރުގެ ޑީލަރުންގެ އަތުން ފައިސާ ހޯދާ ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ސައީދު ފާހަގަކުރެއްވިއެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ސައީދު ވިދާޅުވީ، ބޭންކުން ވަނީ ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް ޖުމްލަ 226 މިލިޔަން ޔޫއެސް ޑޮލަރު ވިއްކާފައިވާ ކަމަށެވެ. މީގެ ތެރޭގައި ކާބޯތަކެއްޗާއި ޒަރޫރީ މުދާ އިމްޕޯޓް ކުރުމަށް ދޫކުރި 106.2 މިލިޔަން ޑޮލަރު ހިމެނޭއިރު، މިއީ މިދިޔަ އަހަރުގެ އެވްރެޖާ އަޅާބަލާއިރު 142 އިންސައްތައިގެ އިތުރުވުމެކެވެ.
މީގެ އިތުރުން، އޭޕްރިލް މަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި އެކަނިވެސް ޒަރޫރީ މުދާ އިމްޕޯޓް ކުރުމަށް 25 މިލިޔަނަށްވުރެ ގިނަ ޑޮލަރު ވިއްކާފައިވާ ކަމަށް ބޭންކުން ބުނެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދެގުނަ އިތުރު އަދަދެކެވެ.
ސައީދު ވިދާޅުވީ މި ހިސާބުތަކަކީ ބޭންކުގެ ޑޮލަރު ރިޒާވް ހުސްވެފައިވާ ކަމަށް ބުނެ ދައްކާ ވާހަކަތަކަށް އޮތް ސާފު ރައްދެއް ކަމަށެވެ.
ބޭންކުގެ ބެލެންސް ޝީޓާއި ކެޕިޓަލް އެޑިކުއަސީ ހަރުދަނާ މިންވަރެއްގައި ހިފެހެއްޓިފައިވާ ކަމުގެ ޔަގީންކަން ދެއްވަމުން ސައީދު ވިދާޅުވީ، ދެފުށް ފެންނަ ގޮތެއްގައި ދިވެހި ރައްޔިތުންނާއި ވިޔަފާރިތަކަށް ޚިދުމަތް ކުރުމުގައި ބީއެމްއެލުން އަބަދުވެސް ދެމިހުންނާނެ ކަމަށެވެ.
”ބީއެމްއެލް އަކީ ރާއްޖޭގެ އިގްތިސާދުގެ މައިބަދަ، ބޭރުގެ މުއާމަލާތްތައް ހިންގުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ އިދާރާއަކީވެސް މި ބޭންކު،“ ސައީދު ވިދާޅުވިއެވެ.
ބޭންކުން ވަނީ ކަނޑައެޅިފައިވާ އުސޫލުތަކުގެ ބޭރުން އެއްވެސް މުއާމަލާތެއް ނުހިންގާނެ ކަމުގެ ޔަގީންކަން ކަސްޓަމަރުންނަށް ދީފައެވެ.



