ސިޔާސީ އެއްވުންތަކުގައި އާންމު އިޖްތިމާއީ މިންގަނޑާއި ހިލާފު ވާހަަކަދައްކައި، ކަންކަން ކުރާތީ ފިޔަވަޅު އަޅަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ގޮވާލައިފިއެވެ.
އެ ކޮމިޝަނުން މިކަން ހާމަކޮށްފައިވަނީ މާލޭގައި ސިލްސިލާކޮށް ބާއްވަމުންދާ ސިޔާސީ ބައެއް އެއްވުންތަކާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.
އެޗްއާރްސީއެމްގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ބައެއް ސިޔާސީ ޕާޓީތަކުން ރޭގަނޑުގެ ވަގުތުތަކުގައި ބާއްވާ އެއްވުންތަކުގައި އިޖުތިމާއީ މިންގަނޑާ ހިލާފު ވާހަކަތައް ދައްކައި، އެ ވާހަކަތައް މީޑިއާގެ ޒަރީއާއިން އާންމުވަމުންދާ ކަމަށެވެ. އަދި މިފަދަ އެއްވުންތަކުގައި އާންމުންގެ މެދުގައި ނަފުރަތު އުފައްދައި، ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަދައްކަމުންދާކަން އެ ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.
ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ އަސާސީ ހައްގަކަށް ވީނަމަވެސް، އެ ހައްގުގެ ބޭނުން ހިފަންވާނީ އަނެކާގެ ހައްގުތަކަށް އިހުތިރާމްކުޑަނުވާނެ ގޮތަށް ވަކި ހުދޫދެއްގެ ތެރެއިން ކަމަށް އެޗްއާރްސީއެމުން ބުނެފައިވެއެވެ. މީހުންގެ މެދުގައި ނަފުރަތު އުފެއްދުމާއި، މުޖުތަމައުގެ ހަމަޖެހުން ނަގާލުމަށް ގޮވާލުމަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ރޫހާ ހިލާފު ކަމެއްގެ ގޮތުގައި އެ ކޮމިޝަނުން ސިފަކުރެއެވެ.
އެޗްއާރްސީއެމުން ވަނީ މިފަދަ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި ސިޔާސީ ޕާޓީތަކުންނާއި ޕާޓީތަކުގެ އިސް ފަރާތްތަކުން މިފަދަ އަމަލުތައް ނުކުރުމަށާއި، ދައުލަތުގެ ކަމާގުޅުންހުރި މުއައްސަސާތަކުން މިކަންކަމަށް އަޅަންޖެހޭ ހަރުދަނާ ފިޔަވަޅުތައް ޤާނޫނީ އިމުގެ ތެރެއިން އެޅުމަށް ވަނީ ގޮވާލާފައެވެ.
މީގެ އިތުރުން، ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ޚިޔާލު ފާޅުކުރުމުގައި އަނެކާގެ އަބުރާއި ނަފްސަށް ގެއްލުންވާ ފަދަ އަމަލުތަކުން ދުރުހެލިވުމަށް އެ ކޮމިޝަނުން އިލްތިމާސްކުރެއެވެ.
އަދި ހުރިހާ ސިޔާސީ ޕާޓީތަކުންވެސް އާންމު މަސްލަހަތު އިސްކޮށް، ހަމަނުޖެހުމަށް ހިތްވަރު ނުލިބޭނެ ގޮތަށް ހަރަކާތްތައް ރޭވުމަށް އެޗްއާރްސީއެމްގެ ބަޔާނުގައި ބާރުއަޅާފައިވެއެވެ




