މިދިޔަ ހަފުތާގެ ތެރޭގައި މާލެ ސަރަހައްދުގައި ޖުމްލަ 50 އެކްސިޑެންޓް ހިނގައިގެން ރިޕޯޓް ކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން އާންމުކުރި މަޢުލޫމާތުތަކަށް ބަލާއިރު، މިއީ މި މަހުގެ 12 އިން 18 ވަނަ ދުވަހުގެ ނިޔަލަށް ހިނގާފައިވާ އެކްސިޑެންޓް ތަކެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މާލޭގެ އެތެރޭގެ މަގުތަކުގައި ހިނގި އެކްސިޑެންޓުތަކުގެ އަދަދު ވަނީ ކުރީ ހަފުތާއާ އަޅާބަލާއިރު 13 އެކްސިޑެންޓް މަދުވެފައެވެ. އެގޮތުން މިދިޔަ ހަފުތާގައި މާލޭގައި 36 އެކްސިޑެންޓް ހިނގާފައިވާއިރު، އޭގެ ކުރީ ހަފުތާގައި ހިނގާފައިވަނީ 49 އެކްސިޑެންޓެވެ. ނަމަވެސް، ސިނަމާލެ ބްރިޖު އަދި ހައިވޭގައި ހިނގި އެކްސިޑެންޓުތަކުގެ އަދަދު ވަނީ ދެގުނަ އިތުރުވެފައެވެ. ކުރީ ހަފުތާގައި ބްރިޖުގައި 7 އެކްސިޑެންޓް ހިނގިއިރު، މިދިޔަ ހަފުތާގައި އެ އަދަދު ވަނީ 14 އަށް އަރާފައެވެ.
މި އެކްސިޑެންޓުތަކުގައި ޖުމްލަ 49 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، އޭގެ ތެރެއިން އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. އެންމެ ގިނަ އެކްސިޑެންޓް ހިނގާފައިވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. އެ ދުވަހު އެކަނިވެސް 12 އެކްސިޑެންޓް ރިޕޯޓްކޮށްފައިވެއެވެ.
ހާދިސާތަކުގެ ބާވަތަށް ބަލާއިރު، ސައިކަލާއި ސައިކަލު ޖެހިގެން 19 އެކްސިޑެންޓެއް ހިނގާފައިވާއިރު، ސައިކަލާއި ކާރު ޖެހިގެން 13 އެކްސިޑެންޓެއް ވަނީ ހިނގާފައެވެ.
ފުލުހުން ފާހަގަކުރި ގޮތުގައި މާލޭގެ މަގުތަކުގެ ތެރެއިން އެންމެ ގިނައިން އެކްސިޑެންޓްތައް ހިނގަނީ ބޮޑުތަކުރުފާނު މަގުގައެވެ. މިކަން ޙައްލުކުރުމަށްޓަކައި ޕެޓްރޯލް ބީޓްތަކުން އެ ސަރަހައްދު އިތުރަށް ބަލަހައްޓައި މަޢުލޫމާތު ހިއްސާކުރުމަށް މިހާރު ވަނީ އިރުޝާދު ދީފައެވެ.
މީގެ އިތުރުން، އެކްސިޑެންޓްވުމަށްފަހު މަޑުނުކޮށް ފިލާ މައްސަލަތައް އިތުރުވަމުންދާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މިފަދަ މައްސަލަތައް ތަހުޤީޤުކޮށް، ދާދިފަހުންވެސް ފިލައިގެން އުޅުނު މީހަކު ހޯދައި ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުވުމަށާއި، ޒިންމާދާރުކަމާއެކު ދަތުރުފަތުރު ކުރުމަށް ފުލުހުން ވަނީ ތަކުރާރުކޮށް އިލްތިމާސް ކުރައްވާފައެވެ.




