އިސްލާމިކް ރިޕަބްލިކް އޮފް އީރާނުގެ ރައީސް ޑރ. ސައްޔިދު އިބްރާހީމް ރައީސީ އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ޤައުމީ ދިދަ ތިންދުވަހުގެ މުއްދަތަކަށް ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ، މާދަމައިން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް، ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވާފައި ވާކަމަށެވެ.
އީރާންގެ ރައީސް ޑރ. ސައްޔިދު އިބްރާހިމް ރައީސީ އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ތައުޒިޔާވެސް ވިދާޅުވެފަ އެވެ. އެމަނިކުފާނުގެ މެސެޖުގައި، އިރާނުގެ ރައީސް އަވަހަރަވީ ޚަބަރު އެއްސެވީ ފުންހިތާމައާއި އެކުގައި ކަމަށް ވިދާޅުވެ، ރައީސީ އާއި ޚާރިޖީ ވަޒީރު އަބްދުﷲ އައިން އާއި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި ދުނިޔެއާއެކު ވަކިވެގެންދިޔަ ދެ ބޭފުޅުންނަށް ސުވަރުގެގޭ މަތިވެރިކަން މިންވަރުކުރެއްވުމަށް އެދިި ދުއާ ދަންނަވާފައި ވެއެވެ.
ރައީސްގެ މެސެޖުގައި، އިރާނަށް ކުރިމަތިވި މި ގައުމީ ހިތާމައިގައި، ހާދިސާގައި ގެއްލުނު އާއިލާތަކާއި، އީރާނުގެ ސަރުކާރުގެ ހިތާމައިގައި ބައިވެރިވާކަމަށް ވިދާޅުވެ، މި ހާދިސާގައި މަރުވި ފަރާތްތަކުގެ ފުރާނައަށް ހެޔޮ ރަހުމަތް ލެއްވުން އެދި ދުއާ ދަންނަވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި ވެއެވެ.
އިރާންގެ ރައީސާއި، ޚާރިޖީ ވަޒީރާއި ސަރުކާރުގެ އިތުރު އިސް ދެބޭޅަކު އަވަހާރަވެފައިވަނީ އެބޭފުޅުން އިއްޔެ ދަތުރުކުރައްވަމުން ގެންދެވި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގަ އެވެ.މި ހާދިސާ ހިނގީ ރައީސީ، އެގައުމުގެ އަވަށްޓެރި އަޒަރުބައިޖާނަށް ކުރެއްވި ދަތުރުފުޅަށްފަހު އެނބުރި ގައުމަށް ވަޑައިގެންނެވި މަގުމަތީގައެވެ.
އިރާންގެ ރައީސް އިބްރާހީމް ރައީސީ އަވާހާރަވުމުން އެ ގައުމުގެ ރައީސްކަމުގެ މަގާމާ ވަގުތީގޮތުން ހަވާލުވެވަޑައިގަންނަވާނީ ނައިބުރައީސް މުހްސިން މަންސޫރީ އެވެ.



