ހަަތަރު މީހުންނާއެކު ގެއްލިގެން ހޯދަމުން ދިޔަ މުދާ އުފުލާ ދޯނި ފެނިފައިވާކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެެންސް ފޯރސް(އެމްއެންޑީއެފް) އިން ބުނެފި އެވެ.
އެމްއެންޑީއެފް އިން ބުނީ، ކ. ތިލަފުށިން ފުރިފަހުން ޚަބަރެއް ނުވެގެން ހޯދަމުންދިޔަ “އޭއޭއޭ -37” މުދާ އުފުލާ ދޯނި ފެނުނީ މިއަދު ހެނދުނު 10:19 ގައި ކަމަށެވެ. އަދި ދޯނީގައި ތިބި ހަތަރު މީހުންގެ ތިބީ ގަދަވެ ސަލާމަތުންކަމަށް އެމްއެންޑީއެފް އިން ދެންމެ ބުންޏެވެ.
އެމްއެންޑީއެފް އިން ބުނީ، އެ ދޯނި ދަތުރުކުރަމުން ދިޔަ ސަރަހައްދަށް ކޯސްޓްގާޑް ގޮސް، އެ ދޯނީގެ ފަޅުވެރިންނާ ބައްދަލުކޮށްފައިވާކަމަށާއި، އެ ދޯނި މިހާރު ދޯނި އޮތީ ވ.ރަކީދޫ ބަނދަރުގައި ކަމަށެވެ. އެ ދޯންޏަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަމަށް އެމްއެންޑިއެފް އިން ބުންޏެވެ.
މިދޯނި ހޯދުމަށް ހުކުރު ދުވަހުން ފެށިގެން، އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދާ ސާރޗް އެންޑް ރެސްކިއު އޮޕަރޭޝަންގައި ކަނޑާއި ވައިގެމަގުން، ޖުމުލަ 16369 އަކަ ނޯޓިކަލް މޭލު ސަރަހައްދެއް ވަނީ ބަލާފަ އެވެ. އެގޮތުން، ކަނޑުމަގުން 9415 އަކަ ނޯޓިކަލް މޭލު އަދި ވައިގެމަގުން 6954 އަކަ ނޯޓިކަލް މޭލު ސަރަހައްދެއް ބަލާފައި ވެއެވެ.
މި ދޯނިން ދަތުރުކުރީ ބަނގްލަދޭޝްގެ ތިން މީހުންނާއި، ދިވެއްސަކާއެކު ޖުމްލަ 4 މީހުންނެވެ. އެ ދޯނީގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ރިޕޯޓްކުރީ ހުކުރު ދުވަހުގެ 17:20 ހާއިރު އެވެ.




