ދިވެހިންގެ މަސްވެރިކަމުގެ އަސާސަކީ ދޮށީގެ މަސްވެރިކަން ކަމަށާއި، ދޮށީގެ މަސްވެރިކަމުން ބާނާ މަހުގެ އުފެއްދުންތައް ދުނިޔޭގެ ބާޒަރުގައި އެންމެ ކޮލިޓީ ރަނގަޅު އުފެއްދުން ގޮތުގައި ބަލައިގަންނަ ކަމަށް މިފްކޯ ގެ ސީއީއޯ ޝަމާހު ރަޝީދު ވިދާޅުވެއްޖެވެ.
ޝަމާހު މިހެން ވިދާޅުވީ ”އިންފޯފިޝް ޓޫނާ ކޮންފަރެންސް“ ގައި ދެއްވި ޚާއްސަ ޕެރެޒެންޓޭޝަނެއްގައި ވާހަކަދައްކަވަމުންނެވެ. މި ކޮންފަރެންސް އަކީ ކޮންމެ އަހަރަކުވެސް ކަނޑުމަހުގެ މަސްވެރިކަމުގެ އިންޑަސްޓްރީއަށް ހާއްސަކޮށްގެން ބާއްވާ ކޮންފަރެންސް އެކެވެ. އެ އިންޑަސްޓްރީ ގެ ކުންފުނިތަކާއި ޖަމިއްޔާ ޖަމާއަތްތަކުން ބައިވެރިވާ މި ކޮންފަރެންސް ގެ 18 ވަނަ އެޑިޝަން މިހާރު ކުރިޔަށް ދަނީ ތައިލޭންޑް ގެ ބެންކޮކްގައެވެ.
ކޮންފަރެންސް ގައި ކުރިޔަށް ދިޔަ ޕެނަލް ޑިސްކަޝަނެއްގައި މިފްކޯ ގެ ފަރާތުން ޚާއްސަ ޕްރެޒެންޓޭޝަނެއް ދެއްވަމުން އެ ކުންފުނީގެ ގެ ސީއީއޯ ޝަމާހު ވިދާޅުވީ ދޮށީގެ މަސްވެރިކަމަކީ ކަނޑުގެ ދިރުންތަކަށް އެންމެ ގެއްލުން ކުޑަ މަސްވެރިކަން ކަމަށާއި، މިފްކޯ ގެ އެންމެ ބޮޑު އަމާޒަކީ ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރި އެރުވުން ކަމަށެވެ.
”އަޅުގަނޑުމެންގެ ކަނޑުމަހުގެ އުފެއްދުންތަކަކީ ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކޮއްލެވޭ ސެޓިފިކެޓުތަކާއިއެކު އުފައްދާ އުފެއްދުންތަކެއް“ – ޓޫނާ ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޝަމާހު ވިދާޅުވިއެވެ.
އަދި ކަނޑު މަހުގެ އުފެއްދުންތައް ތައްޔާރު ކުރާއިރު، އިސްރާފު އެންމެ ކުޑަ ކުރުމަށް ކުރަން ޖެހޭ ކަންކަން ބަލައި ދިރާސާ ކުރުމުގެ މަސައްކަތް ވެސް މިފްކޯ އިން ކުރަމުންދާ ކަމަށް ޝަމާހު ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒުގެ ހާއްސަ އިސްނެންގެވުމުގެ މަތިން، ދެމެހެއްޓެނިވި މަސްވެރިކަން އިތުރަށް ފުޅާކޮށް، ރާއްޖޭގެ ކަނޑުތަކުގެ ދިރުންތައް ހިމާޔަތްކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ސަރުކާރާއި އެކު މިފްކޯ އިން ބާރު ސްޕީޑުގައި ކުރަމުން ދާ ކަމަށްވެސް ޝަމާހު ވިދާޅުވިއެވެ.
އަދި ރާއްޖޭގެ ކޭނަރީތަކާއި، މަސް ރައްކާކުރާ ވަސީލަތްތަކާއި، މަސް ކިރާ ބޯޓުފަހަރުތަކަށްވެސް އިންވެސްޓު ކުރުމުގެ ފުރުސަތު ދުނިޔެއަށް ހުޅުވާލާފައިވާކަން މި ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޝަމާހު ހާމަ ކުރެއްވިއެވެ.
މި ހިނގާ މޭ މަހުގެ 20 އިން 23 އަށް ބެންކޮކުގައި ކުރިޔަށްދާ މި ކޮންފަރެންސްގައި މިފްކޯ ގެ އިސްވެރިން ގެ އިތުރުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމު ވެސް ބައިވެރިވަޑައިގަންނަވައެވެ.




