ދައުލަތުން ބަލަަހައްޓާ އުމުރުން ދުވަސްވީ މީހުން ބޭތިއްބުމަށް ސަރުކާރުން ގާއިމުކުރާ ”އިސްރަށްވެހިންގެ ހިޔާވަހި“ އައްޑޫ ސިޓީގައި ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިިފި އެވެ.
އައްޑޫ ސީޓީ ފޭދޫ އަވަށުގައި މި މަރުކަޒު ބިނާކުރުމަށް ރައީސް ޑރ. މުއިއްޒު ނިންމެވީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގަ އެވެ.
މި މަރުކަޒަކީ، ދޮށީ އުމުރުގެ މީހުންގެ ތެރެއިން އާއިލާގެ އަޅާލުން ނުލިބުމުގެ ސަބަބުން ދައުލަތުން ބަލަހައްޓަންޖެހޭ ހާލަތަށްދާ ފަރާތްތަކަށް އުފާވެރިކަމާއި، ހިތްހަމަޖެހުމާއެކު އުމުރުގެ ބާކީ ދުވަސްތައް ހޭދަކުރެވޭނެ ފަދަ މާހައުލެއް ޤާއިމުކުރުމުގެ ގޮތުން ފެންވަރު ރަނގަޅު ޚިދުމަތްތަކާއެކު ގާއިމުކުރުމަށް ނިންމާފައިވާ މަރުކަޒެކެވެ. މި މަރުކަޒު ބިނާކުރުމަށް ހަމަޖެހިފައިވަނީ ދައުލަތުގެ ޚަރަދުގަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާއި ގުޅިގެން، ދޮށީ އުމުރުގެ މީހުންނާއެކު އާއިލާތަކަށް ދިރިއުޅެވޭނެ މަގުފަހި ކުރުމުގެ ގޮތުން ސަރުކާރުން އަލަށް ފަށާ ބޯހިޔާވަހިކަމުގެ ސްކީމުތަކުގައި ދޮށީ އުމުރުގެ މީހުންނާއެކު ދިރިއުޅޭ ނުވަތަ އެމީހުން ބަލަހައްޓާ ފަރާތްތަކަށް ޕޮއިންޓު ލިބޭނެ އުސޫލުތައް އެކަށައެޅުއްވުމަށްވެސް އިއްޔެގެ ބައްދަލުވުމުގައި ނިންމާފައި ވެއެވެ. އަދި ދޮށީ އުމުރުގެ މީހުންނަށް ލިބިދޭންޖެހޭ ހައްގުތައް ރައްކާތެރިކޮށްދިނުމުގެ ގޮތުން، ޤާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްވެސް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު އެމަނިކުފާނު ވަނީ ނިންމަވާފަ އެވެ.



