މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ) ގެ ޕާލިމެންޓަރީ ގްރޫޕްގެ މަގާމުތަކަށް އިންތިޚާބުވާން ބޭނުންވާ މެންބަރުންނަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.
އެމްޑީޕީން މިއަދު ބުނީ، އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ މަޤާމްތަކަށް މެންބަރުން އިންތިޚާބު ކުރުން އަންނަ އަންގާރަ ދުވަހު ބޭއްވުމަށް ނިންމާފައިވާކަމަށެވެ. އަދި މިއަދުން ފެށިގެން އަންނަ ހޯމަދުވަހުގެ ނިޔަލަށް، އިންތިޚާބުގެ މަގާމުތަކަށް ވާދަކުރަން ބޭނުންވާ ޕާލަމެންޓްރީ މެންބަރުން އެކަން ޕާޓީގެ ސެކްރެޓްރިއޭޓަށް އެންގުމަށް އެދޭކަމަށެވެ. އިންތިޚާބުގައި ބައިވެރިވާން ބޭނުންވާ މެންބަރުން elections@mdp.org.mv އަށް މެއިލްކޮށްދިނުމަށް އެމްޑީޕީން އެދިފައި ވެއެވެ.
އިންތިޚާބު ކުރާ މަގާމުތައް:
- ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރ
- ޕާލިމެންޓަރީ ގްރޫޕްގެ ނައިބު ލީޑަރ(2)
- ސެކްރެޓަރީ ޖެނެރަލް
- ސެކްރެޓަރީ ޖެނެރަލް ގެ ނާއިބު
- ޗީފް ވިޕް
- ވިޕް(2)
ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް ކާމިޔާބު ކުރެވުނީ، 12 ގޮނޑި އެވެ. ރައްޔިތުންގެ މަޖިލީހުގެ ނާކާމިޔާބުވީ ސަބަބު ބަލައި ދިރާސާކޮށް، ޕާޓީ ކުރިއަށްގެންދާނެ ގޮތާ މެދު މަގުޗާޓެއް އެކުލަވާލުމުގެ މަސައްކަތް އެމްޑީޕީން ދަނީ ކުރަމުންނެވެ.



