ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާދާރުންނަށް ބަހާ ފައިދާގެ ގޮތުގައި ހިއްސާއަކަށް 85 ރުފިޔާ ބެހުމަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފިއެވެ.
މިދިޔަ އަހަރުގެ މާލީ ނަތީޖާތަކަށް ބަލާއިރު، އެސްޓީއޯ ގްރޫޕަށް އާމްދަނީގެ ގޮތުގައި ޖުމްލަ 16.7 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 0.5 އިންސައްތައިގެ ދަށްވުމެކެވެ.
ކުންފުނީގެ އާމްދަނީއަށް މި ބަދަލު އައީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތަކަށް އައި ބަދަލުތަކާއި، ޝިޕިންގ ދާއިރާއިން ލިބުނު އާމްދަނީ ދަށްވުމުގެ ސަބަބުން ކަމުގައި އެ ކުންފުނިން އަންދާޒާ ކޮށްފައިވެއެވެ. ތެލުގެ އަގު ދަށްވި ނަމަވެސް އެސްޓީއޯއިން ވިއްކި ތެލުގެ މިންވަރު ވަނީ 8 އިންސައްތަ އިތުރުވެފައެވެ.
މީގެ އިތުރުން، ކުންފުނިން ކުރަމުންދާ އިންޝުއަރެންސް، ގޭސް އަދި ޓްރޭޑިންގ ވިޔަފާރިތަކުން ވަނީ ބޮޑު ކުރިއެރުމެއް ހޯދާފައެވެ.
ކުންފުނީގެ ފައިދާއަށް ބަލާއިރު، މިދިޔަ އަހަރު އެސްޓީއޯ ގްރޫޕަށް ސާފު ފައިދާގެ ގޮތުގައި 785 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2024 ވަނަ އަހަރު ލިބުނު 772 މިލިއަން ރުފިޔާއާ އަޅާބަލާއިރު 2 އިންސައްތައިގެ ކުރިއެރުމެކެވެ. ހަމައެކަނި އެސްޓީއޯ ކުންފުންޏަށް ލިބުނު ސާފު ފައިދާއަކީ 763 މިލިއަން ރުފިޔާއެވެ.
ކުންފުނީގެ ހިންގުމުގެ ހަރަދުތަކަށް، އިދާރީ މަސައްކަތްތަކަށް މިދިޔަ އަހަރު 945 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މިއީ އޭގެ ކުރީ އަހަރަށްވުރެ 45 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މި ހަރަދުތައް އިތުރުވި ނަމަވެސް، ކުންފުނީގެ ހިންގުމުގެ ފައިދާ ވަނީ 1.2 ބިލިއަން ރުފިޔާއަށް އަރާފައެވެ.




