މިދިޔަ މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑިޑޭޓުންގެ ތެރެއިން އިއްޔެގެ ނިޔަލަށް މާލީ ބަޔާން ހުށަހަޅުއްވާފައިވަނީ 91 ކެންޑިޑޭޓުންކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސްއިން މިއަދު ބުނީ، އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން އަމިއްލަގޮތުން ވާދަކުރެއްވި 35 ކެންޑިޑޭޓުންނާއި، ސިޔާސީ ޕާޓީތަކުން ވާދަކުރެއްވި 56 ކެންޑިޑޭޓުންނާއެކު އިއްޔެގެ ނިޔަލަށް މާލީ ބަޔާން ހުއްށަހަޅުއްވާފައިވަނީ ޖުމްލަ 91 ކެންޑިޑޭޓުންކަމަށެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލެއްވި 368 ކެންޑިޑޭޓުން، އިންތިޚާބާގުޅޭ މާލީ ކަންކަމާބެހޭ މަޢުލޫމާތު އިލެކްޝަންސް ކޮމިޝަނަށް، އަންނަނިވި ހޮވިވަޑައިގަތަސް، ނުވަތަ ހޮވިވަޑައި ނުގަތަސް، މާދަމާގެ ކުރިން، އިލެކްޝަންސް ކޮމިޝަނަށް މާލީ ބަޔާން ހުށަހަޅުއްވަން ޖެހޭނެއެވެ. މާލީ ބަޔާން ހުށަނާޅުއްވައިފި ނަމަ، ނުވަތަ މާލީ ބަޔާނުގައި ދޮގު މަޢުލޫމާތެއް ދެއްވައިފިނަމަ، އެ ކެންޑިޑޭޓެއްގެ އަދަބަކީ، އެއް އަހަރުދުވަހުގެ މުއްދަތަށް ޖަލަށްލުން ނުވަތަ ހަތްދިހަ ދެހާސް ރުފިޔާއިން ޖޫރިމަނާކުރާނެއެވެ.
މާލީ ބަޔާނުގައި ހިމަނުއްވަންޖެހޭ މަޢުލޫމާތު ތަކަކީ؛
1. ފައިސާއާއި މުދާ ހިމެނޭގޮތުން، އިންތިޚާބާ ގުޅިގެން ކެންޑިޑޭޓް ކޮށްފައިވާ ޚަރަދުތަކުގެ ތަފްޞީލު.
2. އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގެ 68 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ހިމެނޭ ގޮތަށް، އިންތިޚާބުގައި ކެންޑިޑޭޓަށް ތާއީދު ހޯދުމަށްޓަކައި ކޮށްފައިވާ ޚަރަދުތައް ވަކިން އެނގޭގޮތަށް އެ ޚަރަދުތަކުގެ ތަފްޞީލު.
3. އިންތިޚާބަށް ޚަރަދު ކުރުމަށްޓަކައި ފައިސާ ހޯދިގޮތުގެ ތަފްޞީލު.
4. އިންތިޚާބާ ގުޅިގެން ކެންޑިޑޭޓަކު ޚަރަދުކުރުމަށްޓަކައި ނުވަތަ ބޭނުންކުރުމަށްޓަކައި ފައިސާ އާއި ތަކެތި ދިން ފަރާތްތަކާއި އެފަރާތްތަކުން ދިން މިންވަރުގެ ތަފްޞީލު.
5. ޤާނޫނުގެ 67 ވަނަ މާއްދާގެ ދަށުން ހުޅުވާފައިވާ ބޭންކް އެކައުންޓުން ކޮށްފައިވާ އެންމެހައި މުޢާމަލާތްތައް އަންގައިދޭ ބޭންކް އެކައުންޓްގެ ސްޓޭޓްމަންޓް.
ކެންޑިޑޭޓުން ހުށަހަޅާ މަޢުލޫމާތާއި ތަކެއްޗަކީ ޞައްޙަ މަޢުލޫމާތާއި ތަކެތި ކަމަށް އަންގައިދިނުމަށްޓަކައި އެ މަޢުލޫމާތަކާގުޅޭ ފައިސާގެ ރަސީދު، އިންވޮއިސް، ބިލް އަދި މިފަދަ އެންމެހައި ލިޔެކިޔުމާއި ތަކެތި ހުށަހަޅާ މަޢުލޫމާތާއި ތަކެއްޗާއެކު ހުށަހަޅަން ޖެހެއެވެ. އަދި، ކެންޑިޑޭޓުން ހުށަހަޅާ މަޢުލޫމާތާއި ތަކެއްޗަކީ ޞައްޙަ މަޢުލޫމާތާއި ތަކެތި ކަމަށް އެނގޭގޮތަށް ތައްޔާރުކޮށްފައިވާ އިޤްރާރުގައި ކެންޑިޑޭޓާއި އެ ކެންޑިޑޭޓުގެ ރަސްމީ އިންތިޚާބީ އޭޖެންޓް ސޮއިކޮށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ މަޢުލޫމާތާއި ތަކެއްޗާއެކު ހުށަހަޅަންވެސް ޖެހެއެވެ.
ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގެންނެވި މެންބަރުން ހުވާކުރައްވާނީ މި މަހުގެ 28 ވަނަ ދުވަހު އެވެ.



