މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަހްމަދު ސަމާހު ރަޝީދު އެ މަގާމުން ވަކިކޮށްފި އެވެ.
މިފްކޯގެ ސީއީއޯގެ މަގާމުން ސަމާހު ވަކިކުރި ކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް(ޕީސީބީން)އިން ހާމަކޮށްފައިވަނީ، އެ ބޯޑުން މިރޭ ”އެކްސް“ގައި ކުރި ޕޯސްޓެއްގަ އެވެ. އެޕޯސްޓްގައި ބުނެފައިވަނީ ސަމާހު ސީއީއޯގެ މަގާމުންނާއި މިފްކޯގެ ބޯޑުގެ ޑިރެކްޓަރުކަމުން މިއަދުން ފެށިގެން ވަކިކޮށްފައިވާ ކަމަށެވެ.
މިފްކޯ ގެ ސީއީއޯ މަޤާމުގައި ހުންނެވި އަލްފާޟިލް އަހުމަދު ސަމާހު ރަޝީދު އެމަޤާމުންނާއި މިފްކޯގެ ބޯޑުގެ ޑިރެކްޓަރު ކަމުން މިއަދުންފެށިގެން ވަކިކޮށްފީމެވެ.
— Privatization & Corporatization Board (@pcb_gov) May 21, 2024
މިފްކޯގެ ސީއީއޯ މަގާމުން ސަމާހު ވަކިކޮށްފައި މިވަނީ އޭނާގެ މައްޗަށް ތުހުމަތުތަކެއްކޮށް، ސަސްޕެންޝަންގައި ބެހެއްޓުމަށްފަހު ވަޒީފާއަށް ނިކުންނަށް ހުއްދަ ދިންތާ އެއްމަސްވާން ގާތްވެފައި ވަނިކޮށްނެވެ.
ޕީސީބީން ސަމާހު ސަސްޕެންޑް ކުރީ، ޕީސީބީގެ ވިޒްލްބްލޯވަރ ޕޯޓަލްއިންނާއި، އެ ބޯޑަށް ހުށަހެޅިފައިވާ މައްސަލަތަކާއި ގުޅިގެން އިންކުއަރީއެއް ހިންގުމަށްޓަކައިކަމަށް ބުނެ، މިއަހަރުގެ މާޗް މަހުގެ 18 ވަނަ ދުވަހު އެވެ. ސަސްޕެންޝަންގެ މުއްދަތު އެޕްރީލް 21 ވަނަ ދުވަހާ ހަމަޔަށް ހަމަވިނަމަވެސް، ސަސްޕެންޝަން އުވާލާ ވަޒީފާއަށް ނިކުތުމުގެ ހުއްދަ ޕީސީބީން ސަމާހުއަށް ދިނީ އެޕްރީލް މަހުގެ 24 ވަނަ ދުވަހު އެވެ.
ސަމާހް ހުންނެވީ މިހާރު ކުރިޔަށްދާ އިންފޯ ފިޝް ”ވޯލްޑް ޓޫނާ ޓްރޭޑް، ކޮންފަރެންސް އެންޑް އެގްޒިބިޝަން 2024″ގައި ބައިވެރިވުމަށް ތައިލޭންޑްގަ އެވެ. އެ ކޮންފަރެންސްގައި އިއްޔެ ސަމާހު ވަނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ބައްޓަންވެފައިވާ ގޮތާއި، މިފްކޯގެ މަސައްކަތްތަކާއި ކުރި މަގާއި ބެހޭ ގޮތުން ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވާފަ އެވެ.
ޕީސީބީން ޝަމާހުގެ މައްޗަށް ތުހުމަތުކުރި ކަންތައްތަކުގެ ތެރޭގައި، ކުންފުނީގެ މުދަލާއި ވަސީލަތްތައް އަމިއްލަ ބޭނުމުގައާއި ސިޔާސީ ބޭނުންތަކަށް ފާޅުކަންބޮޑު ގޮތެއްގައި ބޭނުންކުރުމާއި، ކުންފުނީގެ ދާއިމީ މުވައްޒަފުން ނުހައްގުން ވަޒިފާގެ މަސްއޫލިއްޔަތުން ދުރުކުރުމާއި, ވަޒީފާގެ ބިރުދެއްކުމާއި, ދާއިމީ މަގާމްތަކުގައި ތިއްބެވި މުވައްޒަފުންނަށް ވަޒީފާއާބެހޭ ގާނޫނާއި ޚިލާފުވާ ސަބަބެއްނެތި މަގާމާއި މުސާރަ ދަށްކުރުމާއި, ސަބަބެއް ނެތި އެހެން ޑިޕާޓްމަންޓްތަކަށާއި, ކުންފުނީގެ ސައިޓުތައް ހުންނަ ރަށްރަަށަށް ބަދަލުކުރުން ހިމެނެއެވެ.
އެހެންނަމަވެސް، މިމައްސަލައިގައި އޭނާގެ މައްޗަށް އިންކުއަރީއެއް ހިންގި ކަމަށް ޕީސީބީން ބުނި ނަމަވެސް، އެ އިންކުއަރީ ހިންގި ކަމެއް ހާމަކޮށްފައެއް ނުވެއެވެ. ސަމާހު ވަނީ ޕީސީބީން އޭނާގެ މައްޗަށް ކުރި ހުރިހައި ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ.



