މާލޭގެ މޯޗަރީ ހުޅުމާލޭ ސަހަރާ މިސްކިތަށް ބަދަލުކޮށްދޭނެ ބަޔަކު ހޯދުމަށް މާލޭ ސިޓީ ކައުންސިލުން އިއުލާނުކޮށްފިއެވެ.
އެ އިއުލާނުގައި ބުނީ ގަލޮޅު މޯޗަރީ ރީލޮކޭޓް ކުރުމަށް ހުޅުމާލޭ ސަހަރާ މިސްކިތުގެ ބިމުގައި މޯޗަރީގެ އާ އިމާރާތް ކުުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ބޭނުންވާ ކަމަށެވެ.
ކައުންސިލުން ބުނި ގޮތުގައި އެކަމާ ގުޅޭ މައުލޫމާތު ސާފުކުރުން އޮންނާނީ މި މަހުގެ 10 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގައި މާލޭ ސިޓީ ކައުންސިލުގެ ހޯލުގައެވެ. އަގު ހުށަހެޅުން އޮންނާނީ މި މަހުގެ 14 ވަނަ ދުވަހުގެ މެންދުރު 1:30 ގައި ސިޓީ ކައުންސިލު ހޯލުގައެވެ.
ސިޓީ ކައުންސިލުން ބުނީ އެ ގަޑިއަށް މައުލޫމާތު ސާފުކުރުމަށް ނުދާ މީހުންނާއި ގަޑި ޖެހުމަށް ފަހުން އަންދާސީ ހިސާބު ހުށަހަޅާ މީހުންގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ކަމަށެވެ.
އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނިތަކާއި ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ މީހުންނަށް އެކަންޏެވެ.
ގަލޮޅު ސަހަރާގައި މޯޗަރީ ހިންގަން ފެށީ 1975 ވަނަ އަހަރުގަ އެވެ. އެ ތަން އެންމެ ފުރަތަމަ ހުޅުވީ އެންމެ ދެ ހަށިގަނޑު ބޭއްވޭ ޖާގައާ އެކުގަ އެވެ. އެކަމަކު މިހާރު ހަ މީހުންގެ ހަށިގަނޑު މޯޗަރީގައި ބޭއްވެއެވެ.




