ހުޅުމާލެ ފޭސް 2 އިން 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ރިޕޯޓްކުރުމާ ގުޅިގެން އެކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ގެއްލިގެން ހޯދަމުންދަނީ ހމ. ފްލެޓްނަންބަރު 05-3-2 / މާލެ، ޢާއިޝަތު އަލްޔާ ޢަލީ (15އ) އެވެ. އާއިލާއިން މައުލޫމާތު ދީފައިވާ ގޮތުގައި އެ ކުއްޖާ މިހާރު ދިރިއުޅެނީ ހިޔާ ޓަވަރު 16 ގައެވެ.
އަލްޔާ ގެއިން ނުކުމެގެން ގޮސްފައިވަނީ 2026 މެއި 05 ވަނަ ދުވަހުގެ ހަވީރު 16:15 ހާއިރެވެ. އެ ކުއްޖާގެ ހަބަރެއް ނުވެގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. މި ރިޕޯޓް ލިބުމާއެކު، ފުލުހުންގެ ކަމާގުޅޭ ބަހާތަކަށް އެ މައުލޫމާތު ހިއްސާކޮށް، ކުއްޖާ ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
ނަމަވެސް، މިހާތަނަށް ކުރެވުނު މަސައްކަތުން އެ ކުއްޖާ ފެނިފައެއް ނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެހެންކަމުން، ޢާއިޝަތު އަލްޔާ ޢަލީއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ސީރިއަސް ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9113900 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން އެދިފައިވެއެވެ.




