ކާސަލް ޗެސް ކުލަބާއި މޯލްޑިވްސް ޗެސް އެސޯސިއޭޝަންގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ ”އެސްޓީއޯ ބޮޑުރިޔާ ޗެސް ޗެމްޕިއަންޝިޕް 2026 މާދަމާ ފަށަން ތައްޔާރުވެއްޖެއެވެ.
ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ ޗެސް އާކޭޑްގަ މި މުބާރާތް ކުރިއަށްދާނީ މެއި 7-9 ގެ ނިޔަލަށެވެ. މެޗުތައް ކުރިއަށްދާނީ ކޮންމެ ރެއަކު 7:00 އިން ފެށިގެންނެވެ.
އެސްޓީއޯ ބޮޑުރިޔާ ޗެސް ޗެމްޕިއަންޝިޕަކީ، މޯލްޑިވްސް ޗެސް އެސޯސިއޭޝަނުގައި ރަޖިސްޓްރީވެފައިވާ ކުލަބް ޖަމްޢިއްޔާތަކަށް ހުޅުވާލައިގެން ބާއްވާ ”10 އޮން 10“ ރެޕިޑް ޗެސް މުބާރާތެކެވެ.
މުބާރާތުގެ މެޗުތައް ކުޅެމުންގެންދާނީ، ކޮންމެ ކުލަބެއް ކޮންމެ ކުލަބަކާއި ކުޅެންޖެހޭގޮތަށް ހަތް ބުރަށެވެ. މި މުބާރާތުގައި އެކި ކުލަބުތަކުން ރާއްޖޭގެ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ވާދަކުރާނެއެވެ.
ޗެމްޕިއަންޓީމަށް 50،000ރ. (ފަންސާސްހާސް ރުފިޔާ) އަދި ދެވަނައަށްދާ ޓީމަށް 10،000ރ. (ދިހަހާސް ރުފިޔާ) ކަނޑައެޅިފައިވާއިރު، މުޅި މުބާރާތުގެ އެންމެ ގިނަ ޕޮއިންޓު ހޯދާ ކުޅުންތެރިންނާއި، އެންމެ މޮޅު އަންހެން ކުޅުންތެރިޔާ އަދި މުބާރާތުގައި ޕޮއިންޓެއް ހޯދާ އެންމެ ހަގު ކުޅުންތެރިޔާ ހޮވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މީގެކުރިން 2019 ވަނަ އަހަރުވެސް ކާސަލް ޗެސް ކުލަބުންވަނީ 10 ބޯޑުގައި ކުޅޭގޮތަށް ރެޕިޑް ޗެސް މުބާރާތެއް ބާއްވާފައެވެ. އެ މުބާރާތުގައި ބައިވެރިވެފައިވަނީ ހަތަރު ކުލަބަކުންނެވެ.
މިއަހަރު ހަތް ކްލަބަކުން މި މުބާރާތުގައި ބައިވެރިވެއެވެ.
އެއީ:
° ކުލަބު ޑަބަލް އެއިޓް
° ކުލަބު ޗެކްމޭޓް
° ކާސަލް ޗެސް ކުލަބު އެންޑް އެކެޑަމީ
° ޒުގްޒުވާންގ ޗެސް ކުލަބު
° މޯލްޑިވްސް ޗެސް ކުލަބު
° ޖީނިއަސް ޗެސް އެކެޑަމީ
° ޕާސް ޕޯން ޗެސް ކުލަބު އެންޑް އެކެޑަމީ




