ހުޅުމާލޭ ފޭސް 2 އިން ގެއްލިގެން ހޯދަމުންދިޔަ އުމުރުން 15 އަހަރުގެ އަންހެން ކުއްޖާ ފެނިއްޖެ ކަމަށާއި އޭނާގެ ހާލު ރަނގަޅުކަމަށް ފުލުހުން ބުނެފިއެވެ.
ގެއްލިގެން ހޯދަން ފުލުހުން މިއަދު އިއުލާނު ކޮށްފައިވަނީ ހމ. ފްލެޓްނަންބަރު 05-3-2 / މާލެ، ޢާއިޝަތު އަލްޔާ ޢަލީ (15އ) އެވެ. އާއިލާއިން ކުރިން މައުލޫމާތު ދީފައިވާ ގޮތުގައި އެ ކުއްޖާ ދިރިއުޅެނީ ހިޔާ ޓަވަރު 16 ގައެވެ.
އަލްޔާ ގެއިން ނުކުމެގެން ގޮސްފައިވަނީ 2026 މެއި 05 ވަނަ ދުވަހުގެ ހަވީރު 4:15 ހާއިރެވެ. އެ ކުއްޖާގެ ހަބަރެއް ނުވެގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. މި ރިޕޯޓް ލިބުމާއެކު، ފުލުހުންގެ ކަމާގުޅޭ ބަހާތަކަށް އެ މައުލޫމާތު ހިއްސާކޮށް، ކުއްޖާ ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
ފުލުހުން މީގެއިރުކޮޅެއް ކުރިން ސޯޝަލް މީޑިއާ މެދުވެރިކޮށް ބުނެފައިވަނީ، އެ ކުއްޖާ މިއަދު މެންދުރުފަހު 2:50 ހާއިރު ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.




